English Edition
Dhivehi Edition

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތާއި އެ ހާލަތުގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސާދީ ތަދުމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން ގެންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ.

އިއްޔެ ޝަރީފްކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މިހާލަތުގައިވެސް ދައުލަތުގެ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރާ ކަމަށާއި އެއްވެސް މުވައްޒަފެއްގެ މުސާރައިން އުނި ނުކުރާކަމަށެވެ. އަދި ވަޒީފާއާއި އާމްދަނީ އަށް އަސަރު ކުރި ފަރާތްތަކަށް ވީ ވަރަކުން އިނާޔަތް ދީފައިވާކަން ފާހަގަކޮށް ޝަރީފު ވިދާޅުވީ އާންމުންނަށް ހޭދަ ނުކުރެވޭ ގޮތަށް އެއްވެސް ސިޔާސަތެއް ބައްޓަން ނުކުރާކަމަށެވެ.

މީގެ އިތުރުން އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީއަށް ފާޑުވިދާޅުވަމުން ޝަރީފްވަނީ އެ ދެޕާޓީން ހަރުދަނާ އިދިކޮޅު ފަރާތެއްގެ ރޯލު ކުޅެމުން ނުދާ ކަމަށާއި އިިދިކޮޅު ފަރާތުގެ ރޯލު ވެސް ކުޅެމުން ދަނީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ ކަމަށް ވިދާޅުވެފައެވެ.