English Edition
Dhivehi Edition

ސަރުކާރު ވަޒީފާތަކުގައި ތިއްބެވި އެމްއާރުއެމްގެ ބޭފުޅުން ވަޒީފާއިން އިސްތިއުފާ ދެއްވުމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފު ގޮވާލައިފިއެވެ.

މި ސަރުކާރަށް ވަރަށް ބޮޑަށް ތާއިދުކުރައްވާ މެމްބަރު ޝަރީފް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ސަރުކާރުގައި ތިބެގެން ރައީސް ސޯލިހުގެ ސިޔާސަތުތައް ކަމުނުދާ އެމްއާރުއެމްގެ ބޭފުޅުން އެންމެ ފުރަތަމަ ދުވަހު ވެސް އިސްތިއުފާ ދިނުމަކީ އެންމެ ރަނގަޅު ގޮތްކަމަށެވެ. ދުނިޔޭގެ އެއްވެސް ގައުމެއްގައި އެގައުމެއްގެ ސަރުކާރުގެ ސިޔާސަތު ކަމުނުދާ މީހަކު ސިޔާސީ މަގާމެއް އަދާނުކުރަކަން ފާހަގަކޮށް ޝަރީފް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަލާމާތް ނުކުރުމަށްވެސް ގޮވާލާފައެވެ.

އެމްއަރުއެމްއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޝަރީފް ކުރެއްވި އިތުރު ޓުވިޓެއްގައި ވިދާޅުވީ ކޯލިޝަން ހެދުމަށް ދައުވަތު ދިނުމުން ބޮޑާވެ ކިބުރުވެރި މިވަނީ 3000 މެމްބަރުން ހަމަނުވާ އަދި ރައްޔިތުންގެ މަޖިލީހުގައި މެމްބަރަކުވެސް ނެތް ޕާޓީތަކުންކަމަށެވެ. އަދި އެ ޕާޓީތަކުގެ ތެރޭގައި 1500 ވޯޓު ހޯދޭނެ ބަޔަކުވެސް ނެތްކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ. “3000 މެމްބަރުން ހަމަނުވާ އަދި ރައްޔިތުންގެ މަޖިލީހުގައި މެމްބަރަކުވެސް ނެތް ޕާޓީ ތަކަށްވެސް ހީވަނީ ލައްކައަކޭ” ޝަރީފްގެ ޓުވިޓުގައިވަނީ ބުނެފައެވެ.