ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއްގެ އަމިއްލަ ޒާތީ މަންފާ އަށް ވިސްނާ ނަމަ، ރަނގަޅީ ބަރުލަމާނީ ނިޒާމެއްކަމަށް އައްޑޫ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) މިއަދު ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވެފައި މިވަނީ، ޖާބިރު އިސްވެ ހުންނަވައިގެން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާކަމަށް ވިދާޅުވެފައިވަނިކޮށެވެ. މިއަދު ޝަރީފް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މެމްބަރެއްގެ އަމިއްލަ ޒާތީ މަންފާ އަށް ވިސްނާ ނަމަ، ރަނގަޅީ ބަރުލަމާނީ ނިޒާމެއް ކަމަށާއި އެހެންނަމަވެސް ގައުމުގެ މަސްލަހަތަށް ބަލާ އިރު، އެ ނިޒާމު ކަމުނުދާކަމަށެވެ.
MP egge amilla zaathee manfaa ah visnaa nama ragalhee Barulamaanee namaves rayyithun ge masalahathah adhi gaumuge hama jehumah ragalheee riyaasee nizaam @ibusolih
— Ibrahim Shareef (@AdduShareef) August 22, 2020
މީގެ އިތުރުން ޝަރީފް ކުރެއްވި އިތުރު ޓުވިޓެއްގައި ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުވާނެ ގޮތް ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާކަމަށާއި އެއީ މަޖިލީހުން ވޯޓެއް ނަގައިގެން ބަދަލުކުރެވޭނެ ނިޒާމެއް ނޫންކަމަށެވެ. “އެކަން ނިންމާނީ ސީދާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން. ބައެއް މެމްބަރުންނަށް އޮޅުން އަރަނީ: ޝަރީފް ވިދާޅުވިއެވެ.