English Edition
Dhivehi Edition

އިންސާނީ ހަމަހަމަކަމާއި ބެހޭ ގޮތުން އެތައް އާޔަތެއް ކީރިތި ޤުރުއާނުގައި އައިސްފައިވާއިރު، އައްނިސާ ސޫރަތުގެ އާޔަތެއް ވަރަށް ހަނިކޮށް ތަރުޖަމާ ކޮށްގެން ނިންމާ ނިންމުމަކީ ގަބޫލު ކުރެވޭނެ ނިންމުމެއް ނޫންކަމުގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދަޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޑރ.އަޒްމިރަލްޑާ ޒާހިރާއި އަލްއުސްތާޛާ އައިޝާ ޝުޖޫން މުހައްމަދު އައްޔަން ކުރުމާއި މެދު ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ޖުޑީޝަލް ސާވިސް ކޮމިޝަންގެ ލަފަޔަކަށް އެދިވަޑައިގެންފައިވަނިކޮށް، އެކަމާ ދެކޮޅަށް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގައި ވާހަކަދައްކަމުން ޝަރީފްވަނީ އަންހެނުން ފަނޑިޔާރުކަން ކުރުމާއި ދެކޮޅަށް ރައުޔު ނެރުއްވާ ދީނީ އިލްމުވެރިންނަަށް ރައްދު ދެއްވާފައެވެ.

މި ގޮތުން މިއަދުގެ ބަހުސްގައި ވާހަކަދައްކަމުން ޝަރީފް ވިދާޅުވީ ރާއްޖޭގައި ތިއްބެވި ހުރިހާ ފަނޑިޔާރުންނާއި، ދީނީ އިލްމުވެރިންނާއި، ހާއްސަކޮށް ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފު ވަޑައިގެންނެވި ނަމަވެސް ފަނޑިޔާރުން އައްޔަން ކުރުން އިސްލާމު ދީނުގައި ހުއްދަކަން ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ހަދީސުން ދައްކާނެ ކަމަށެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ އަންހެނުން ތިބެން ޖެހޭނީ ގޭގައި ކައްކަން ކަމަށް ގަބޫލުކުރާ ބޯދާ ވިސްނުން ބަދަލު ކުރަން ޖެހޭކަމަށާއި ބޯދާ އާދަކާދައިގެ ކަންކަން ތަރުޖަމާކޮށްގެން ކުރާ ކަންތަކަކީ ރަނގަޅު ކަމެއް ނޫން ކަމުގައި ވިދާޅުވެފައެވެ.