English Edition
Dhivehi Edition

މަޝްހޫރު ކޮމެޑިއަން ބާތީ ސިންގް އާއި ފިރިމީހާ ހަރްޝް، މުމްބާއީގައި ދިރިއުޅެމުން އަންނަ ގެއިން މަސްތުވާތަކެތި ފެނުމާއި ގުޅިގެން އެ ދެތަރިން ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އަށް ހާޒިރުކޮށްފިއެވެ.

މިއަދު ހެނދުނު، އެންސީބީ އިން މުމްބާއީގައި ބާތީ އާއި ހަރްޝް ދިރިއުޅެމުން އަންނަ ގެ ބަލާ ފާސްކޮށްފައިވާއިރު އެ ގެއިން މަސްތުވާތަކެތި ފެނިފައިވާކަން އެންސީބީ ގެ އޮފިޝަލުންވެސް ވަނީ ޔަގީންކޮށްދީފައެވެ. “ބާތީ ދިރިއުޅެމުން އަންނަ ގެއިން ‘ކެނަބިސް’ ފެނުނީ. އެކަމަކު އެއީ ވަރަށް މަދު އަދަދެއް” އެންސީބީގެ އޮފިޝަލަކު ބުންޏެވެ. މި މައްސަލައާއި ގުޅިގެން މި ދެ ތަރިން އެންސީބީއަށް ހާޒިރުވި ވަގުތު ގިނަ އަދަދެއްގެ ނޫސްވެރިން އެ ސަރަހައްދަށް އެއްވެފައިވާއިރު، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ހަރްޝް ބުނީ އެމީހުން ހާޒިރުކުރީ ހަމައެކަނި، މި މައްސަލައާއި ގުޅިގެން ސުވާލުކޮށްލުމަށްކަމަށެވެ.

ސުޝާންތު ސިންގުގެ މަރާއެކު ފެންމަތިވި މަސްތުވާތަކެތީގެ މައްސަލައާއި ގުޅިގެން މިހާތަނަށް ގިނަ ތަރިންތަކެއްވަނީ އެންސީބީ އަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. މި ގޮތުން މި މަހު ކުރީ ކޮޅު އަރުޖުން ރާމްޕަލް ދިރިއުޅެމުން އަންނަ ގެ ބަލާ އެގެއިން ފެނުނު ބޭހަކާއި ގުޅިގެން އޭނާވެސް ވަނީ އެންސީބީ އަށް ހާޒިރުކޮށްފައެވެ. އަރުޖުން އާއި ހަ ގަޑިއިރުވަންދެން ސުވާލުކޮށްފައިވާކަމަށް އޭނާ ބުނެފައިވާއިރު އެންމެ ފަހުން އޭނާ ދޫކޮށްލީ ޕްރިސްކްރިޕްޝަން ދެއްކުމުންކަމަށް އަރުޖުންވަނީ ބުނެފައެވެ.

އާރްޖުންގެ އިތުރުން ދިޕިކާ ޕަޑުކޯނާއި، ސާރާ އަލީ ޚާނާއި، ޝްރައްދާ ކަޕޫރު އަދި ރަކޫލް ޕްރީތު ސިންގު އާއިވެސް ފުލުހުންވަނީ ސުވާލުކޮށްފައެވެ. އަދި މި މައްސަލައިގައި ގިނަ ތުހުމަތުތަކެއްކޮށްފައިވާ ރިއާ ޗަކްރަބޯޓީ އެއްމަސް ދުވަހު ޖަލުގައި ހޭދަކުރުމަށްފަހު ކަފާލާތުގެ ދަށުން ޖަލުން ސަލާމަތްވެފައިވާއިރު އެންސީބީ އިންވަނީ އޭނާ ދޫކޮށްލައިފިނަމަ ކިތާބީ ހެ ބާދަލުކުރަން މަސައްކަތް ކޮށްފާނެ ކަމަށާއި، އަދި ހެކިވެރިންގެ ހެކި ބަސް ފައިސާއާއި ނުފޫޒު ބޭނުންކޮށްގެން ބަދަލުކޮށްފާނެކަމަށް ތުހުމަތުކޮށްފައެވެ.