English Edition
Dhivehi Edition

ރީތިކަމަށާއި އެކްޓުކުރުމަށް މޮޅު ތަރިއެއްގެ ގޮތުން ފާހަގަ ކުރެވޭ ބޮލީވުޑްގެ ތަރި ސުޝާންތް ސިންގް ރާޖްޕުޓް މިދިޔަ އަހަރު ޖޫން 14ވަނަ ދުވަހު އަމިއްލައަށް މަރުވި ހަބަރާއި އެކު ބޮލީވުޑަށް އައީ ކަޅު ދުވަހެކެވެ.

އުމުރުން 34 އަހަރުގެ ސުޝާންތް މަރުވި އިރު އޭނަ ދިރިއުޅެމުން އައީ 4.5 ކުރޯޑް ރުޕީސްއަށް ހިފާފައިވާ ގެއެއްގައެވެ. އެގޭގައި ސުޝާންތްގެ އިތުރުން އޭނާގެ މުވައްޒަފުން އުޅެއެވެ. ސުޝާންތު މަރުވިކަން އެނގުނީ ހެނދުނު އޭނަ އުޅޭ ކޮޓަރިން ނުނިކުންނާތީ މަސައްކަތު މީހާ ޑަބަލްކީ ހައްދައިގެން ކޮޓަރިއަށް ވަދެ ބެލުމުންނެވެ. އޭނަ މަރުވުމުގެ ކުރިން ގާތް ރަހުމަތްތެރިއަކަށް އަދި އޭނަގެ ދައްތައަށް ފޯނުން ގުޅާފައި ވާކަމަށް ތަހުގީގަށް މިހާތަނަށް އެނގިފައި ވެއެވެ. ހަބަރުތައް ބުނާގޮތުގައި އޭނަ މަރުވެފައިވަނީ ފަންކާގައި ވާގަނޑެއް އައްސައިގެން ދަންޖެހިގެންނެވެ.

އެހެން ނަމަވެސް ސުޝާންތް މަރުވެފައިވާ ސީންއަށް ދިޔަ އެތައްބަޔަކަށް ލިބުނީ ބޮޑު ސިހުމެކެވެ. އެސީން އަށް ބަލާލާ ކޮންމެ މީހަކަށްވެސް އޭނާ މަރުވީ އަމިއްލައަށް ދަންޖެހިގެން ކަމާމެދު ޝައްކުތަކެއް އުފެދުނެވެ. އަދިވެސް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ސީންގެ ފޮޓޯ ތަކަށް ބަލާލާއިރު އޭނާގެ ކޮޓަރީގެ ސީލީންގ ފަންކާގައި ދަންޖެހެން ފެހިކުލައިގެ ފޮތިގަނޑެއް އައްސާފައިވާއިރު ސުޝާންތް ފަދަ އިސްކޮޅުން ދިގު މީހަކު ފޮތިގަނޑާއި އެނދާ ހުރި އުސްމިނަށް ބަލާފައި ދަންޖެހިގެން މަރުވެދާނެ ކަމާއި މެދު ޝައްކު އުފެދެއެވެ.

ސުުޝާންތުގެ މަރާމެދު ޝައްކު ތަކެއް ހުރުުމުން އޭނާގެ ބޭބެގެ އެދުމުގެ މަތިން ފުލުހުން މި ކޭސް ތަހުގީގު ކުރަންފަށާފައިވާއިރު، އޭރު ބުނެފައިވަނީ ،ސުޝާންތް ބޭނުން ކޮށްފައިވާ ފޮތިގަނޑަކީ ފެހިކުލައިގެ ކޮޓަން ފޮތީގެ “ގައުން” އެއްކަމަށެވެ. “ސުޝާންތްގެ ބަރުދަނުގައި ހުރީ 80ކިލޯ. އަހަރެމެން ބޭނުންވަނީ މި ފޮތިގަނޑު ބޭނުން ކޮށްގެން 80 ކިލޯ ހުރިމީހަކަށް ފަންކާގައި އެ ފޮތިގަނޑު އައްސައިގެން، ފޮތިިގަނޑު ނުވީދި އެލިގެން އެހެން އޮވެވިދާނެތޯ. މިއީ “ޓެންސިލް ސްޓްރެންތް” އެނަލައިސިސް އެއް. ފުލުހުން އިންޑިއާގެ މީޑިއާތަކަށް މައުލޫމާތު ދެމުން އޭރު ބުނެފައި ވެއެވެ. އެހެން ކަމުން އެފޮތިގަނޑުގެ “ސްޓްރެންތް” އާމެދުވެސް ފުލުހުން ވަނީ ސުވާލު އުފައްދާފައެވެ.

ފުލުހުން އިތުރަށްބުނީ، މި ފޮތިގަނޑު ޓެސްޓް ކުރުމަށްފަހު އޭނަ މަރުވީ އަމިއްލަ އަށްތޯ ނޫނީ ފޮތިގަނޑު ބޭނުން ކޮޮށްގެން ބަޔަކު އޭނަމަރާލީތޯ ސާފުވެގެން ދާނެކަމަށެވެ. މި ތަހުލީލު ނިމެން 3 ދުވަސްނަގާނެ ކަމަށްވެސް ފުލުހުން އޭރު ބުންޏެވެ. އަދި ފުލުހުން ބުނެފައިވަނީ ސުޝާންތްގެ ކޮޓަރިން “ބާތްރޮބް ބެލްޓް” އެއް ފެނިފައިވާ ކަމަށާއި ލަފާ ކުރެވޭގޮތުގައި ފުރަތަމަ އޭނަ މަރުވާން މަސައްކަތް އުރީ އެ ބެލްޓް ބޭނުން ކޮށްގެންނެވެ. ނަމަވެސް އެބެލްޓް ކަނޑައިގެން ދިޔުމުގެ ސަބަބުން ބިންމައްޗަށް އެއްލާލީ ކަމަށް ލަފާކުރެވޭ ކަމަށްވެސް ފުލުހުން ބުންޏެވެ.

މިފަދަ ޝައްކުތައް މިމަރުގައި ވާއިރު މިމައްސަލަ ނުބެލި އޮތުމުން ފުލުހުންނާމެދު އެތައްބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ބައެއްމީހުން ބުނާގޮތުގައި ފުލުހުން މިމައްސަލަ ރަނގަޅަށް ބަލަން އުޅޭނަމަ ގާތިލުން ހޯދޭނެކަމަށެވެ. އެހެން ނަމަވެސް ބޮލީވުޑްގެ މަރުގެ މައްސަލަތަކުގެ ތެރެއަށް ސީނިއާ އެހެން ތަރިން ކޮންމެވެސް ސަބަބުތަކަށް ޓަކައި ވަދެ މައްސަލަ އޮއްބާލަނީއެވެ.

ސުޝާންތްގެ މަރަށް ފަހު އޭނަގެ ބޭބެ ބުނެފައިވަނީ އޭނާއަކީ އަމިއްލައަށް މަރުވެދާނެ މީހެއް ކަމަށް ނުބެލޭ ކަމަށެވެ. އެ މަރުގައި ޝައްކުތަކެއް ހުރުމުން އިތުރަށް އެމައްސަލަ ބަލައިދިނުމަށް ސުޝާންތްގެ ބޭބެ ވަނީ ފުލުހުން ނަށް އެދިފައެވެ.

ސުޝާންތެގެ މަރަށް މާގިނަދުވަސްތަކެއް ނުވެ މި މައްސަލައިގައި އޭނާގެ ލޯބިވެރިޔާ ރިއާގެ މައްޗަށް ތުހުމަތު ތަކެއް ސުޝަންތްގެ އާއިލާއިން ކުރަމުންދިޔައެވެ. އަދި އެތުހުމަތު ތަކާއެކު ރިއާގެ މައްޗަށް ކުރެވުނު ގިނަ ތުހުމަތުތަކަށް ބާރު ލިބޭ ހެކިތަކެއް ވަނީ ފަހުން ފެނިފައެވެ. އެގޮތުން ދެކެވުނު ވާހަކަ ތަކުގެ ތެރޭގައި ރިއާއާއި އޭނާގެ ބޭބެ ސުޝާންތް ހިމަނައިގެން ޑްރަގް ވިއްކުމުގެ ވިޔަފާރިއެއް ކުރަމުން ދިޔަ މައްސަލަ އެއް ފެންމަތިވިއެވެ. އަދި ރިއާ ސުޝާންތްގެ ވިޔާފާރީގެ ހިއްސާއެއް އަތުލައި އޭނާގެ މުއްސަނދިކަން ފޭރުމަށް މަސައްކަތް ކުރަމުން އައި ވާހަކަތަކެއް ވެސް ދެެކެވުނެވެ.

އިންޑިއާގެ އެންފޯސްމެންޓް ޑިކްޓޮރޭޓްއިން ސީބީއައި އާއި ނާކޮޓިކްސް ޑިޕާޓްމެންޓާއި ހަވާލު ކޮށްފައިވާ ޗެޓްލޮގު ތަކުން، ރިއާ މަސްތުވާތަކެތި ގަނެވިއްކުމުގައި ޝާމިލްވެފައިވާކަމާއި ރިއާ ސުޝާންތުއަށް ނޭގި އޭނާއަށް މަސްތުވާތަކެތި ދިން ކަންވަނީ ހާމަވެފައެވެ. މި ތަހުގީގުގައި ޑްރަގް ޑީލަރަކު، ރިއާގެ ބޭބެ ޝޯވިކް އާއި އެކު ޑްރަގުގެ މުއާމަލާތްތަކެއް ކޮށްފައިވާ ކަމަށް އެއްބަސްވެފައިވާއިރު، މި މައްސަލައިގައި ޝޯވިކް އާއި ފުލުހުން ސުވާލު ކުރުމުން އޭނާ ވަނީ ކޮއްކޮ ރިއާގެ އެދުމުގެ މަތިން ޑްރަގުގެ މުއާމަލާތްތަކެއް ކުރިކަމަށް އެއްބަސް ވެފައެވެ. ޑްރަގުގެ މައްސަލައާއި އެކު ބޮލީވުޑްގެ ބައެއް ފިލްމީތަރިން މިނެޓްވޯރކް އާއި ގުޅުން ހުރިކަމުގެ ހެކިތަކެއްވެސް ލިބުނެވެ. މިމައްސަލައިގައި ރިއާގެ ބޭބެ އަދިވެސް ޖަލުގައި އޮތްއިރު ރިއާ ވަނީ އެއްމަހުގެ ޖަލުހުކުމެއް ތަންފީޒު ކުރުމަށްފަހު މިހާރު ގޭބަންދަށް ދޫކޮށްލާފައެވެ.

ސުޝާންތްގެ މަރުގެ މައްސަލަ ނިންމައި ފުލުހުން ކޭސް ފައިލްކޮށްފައި ނުވާއިރު އަދިވެސް އެތައްބަޔަކު ދަނީ މިމައްސަލަ ރަނގަޅަށް ބަލައި ސުޝާންތް މަރާލާފައި އޭނާ އަމައްލައަށް ދަންޖެހުނީ ކަމަށް ބުނެ ފިލާ ތިބި އަސްލު ގާތިލުންނަށް ހައްގު އަދަބުދީ ސުޝާންތް އަށް އިންސާފު ހޯދައިދިނުމަށް އެދި ގޮވާލަމުންނެވެ. ސުޝާންތް މަރުވީ ދުވަހުގެ ރޭ އޭނަގެ ރަހުމަތްތެރިއަކާއި ރިއާއާއެކު ދަންވަރު ހޭލާ ތިބެ އެގޭގައި ޕާޓީއެއް ބޭއްވިކަން ތަހުގީގަށް އެނގިފައިވެއެވެ.

ސުޝާންތްގެ މަރަށް މިއަދު އެއް އަހަރު ފުރުން ބޮލީވުޑްގެ ފިލްމީ ތަރިންނާއި، ޓީވީ ތަރިންދަނީ ހިތާމައާއެކު ފާހަނގަ ކުރަމުންނެވެ. ޖޫން 14ވަނަދުވަހު ސުޝާންތް ދަންޖެހިގެން މަރުވި އިރު އޭނަދިޔައީ ޑިޕްރެޝަން އަށް ބޭސްކުރަމުންނެވެ. ސުޝާންތްގެ މަރާއި ގުޅިގެން އޭނަގެ އާއިލާ މީހުން ހިމެނޭގޮތަށް މިހާތަނަށް 29 މީހެއްގެ ބަޔާން ފުލުހުން ނަގާފައި ވެއެވެ.

ސުޝާންތް ފުރަތަަމަ ފެނިގެން ގޮސްފައި ވަނީ ޑްރާމާ ކިސް ދޭޝް މެހޭ މޭރާ ދިލް އަދި ޕަވިތްރާ ރިޝްތާއިންނެވެ. އޭނާ ފުރަތަމަ ކުޅުނު ބޮލީވުޑް ފިލްމަކީ ކައި ޕޯ ޗެ އެވެ. އޭގެ ފަހުން ފިލްމް ޕީކޭ، ޑޭ ކެޑަރނަތް، އަދި އެމްއެސް ދޯނީ އިންފެނިގެން ގޮސްފައި ވެއެވެ.

.