މަދު ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ ލޯތްބާއި ތަރުހީބު ހޯދާފައިވާ ސުޝާންތު ސިންގްގެ މަރާއެކު ފެންމަތިވި މަސްތުވާތަކެތީގެ މައްސަލައާއި ގުޅިގެން ގިނަ ފިލްމީ ތަރިންގެ ކެރިއަރު ނިމިގެންދާނެ ކަމުގެ އަޑުތައްވަނީ މީގެ ކުރިންވެސް ފެތުރިގެން ގޮސްފައެވެ،
ސުޝާންތުގެ މަރުގެ މައްސަލައިގެ ތަހުގީގާއި އެކު ބޮލީވުޑްގެ އަދިރި ފަރާތުގެ ގިނަ ސިއްރުތަކެއް ބޭޒަރުވަމުން އަންނައިރު މި މަހުގެ 8 ވަނަ ދުވަހު އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން މަސްތުވާތަކެތީގެ މައްސަލައާއި ގުޅިގެން ރިއާ ހައްޔަރުކޮށް އޭނާގެ ބަންދަށް 14 ދުވަސްޖަހާފައިވާއިރު ރިއާ ވަނީ މި މައްސަލައިގެ ތަހުޤީގުގައި ބޮލީވުޑްގެ ތަރިންގެ ތެރެއިން މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކުގެ ނަންތައް އެންސީބީ އާއި ހިއްސާކޮށްފައެވެ،
މި މައްސަލައިގެ ތަހުޤީގުގައި ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ޑިލީޓު ކޮށްފައިވާ ޗެޓް ލޮގުތަކެއް އަލުން ރީޓްރީވް ކޮށް، ބެލި ބެލުމުގައި ފާހަގަކުރެވިފައިވާ ބޮލީވުޑްގެ 5 ތަރިއެއްގެ ނަމުގެ ފެށޭ އަކުރުތައް، މިހާރު އަންނަނީ މީޑިއާގައި ދައުރުވަމުންނެވެ. މި ގޮތުން ‘ޓައިމްސް ނައު ނިއުސްއިން’ ރިޕޯޓްކޮށްފައިވާގޮތުން މަސްތުވާތަކެތި ބޭނުންކުރާ ތަރިންގެ ނަންފެށޭ އަކުރުތަކަކީ “ކޭ، ޑީ، އެސް، އެން އަދި ޖޭ”އެވެ، މި ތަރިންގެ ނަން އަދި އެއްވެސް މީޑީއާއަކުން ހާމަކޮށްފައި ނުވާއިރު ބައެއް ފަރާތްތަކުން ވަނީ މި އަކުރުތަކުގައި ހިމެނޭ ޑީ އަކީ ބަތަލާ ދިޕިކާ ޕަޑުކޯން ކަމަށާއި އެސް އަކީ ޝްރައްދާ ކަޕޫރުކަމަށް ލަފާކޮށްފައެވެ. އަދި “ޖޭ” އަކުރު ނިސްބަތްވަނީ ސުޝާންތުގެ ކުރީގެ ޓެލެންޓު މެނޭޖަރު ޖާޔާ ސާހާ އަށް ކަމަށްވެސް ބައެއް ފަރާތްތަކުންވަނީ ބުނެފައެވެ،
އެހެންނަމަވެސް މި ވާހަކަތަކާއި ގުޅިގެން ކަމާއި ބެހޭ އެއްވެސް އިދާރާއަކުން އަދި މިހާތަނަށް އެއްވެސް ވާހަކައެއް މީޑިއާ އާއި ހިއްސާކޮށްފައެއް ނުވެއެވެ.
ސުޝާންތުގެ މަރާއި ގުޅިގެން ކުރިއަށް ގެންދިޔަ ތަހުޤީގުގައި، ބޮލީވުޑްގައި މަސައްކަތްކުރާ މީހުންގެ ތެރެއިން 80 ޕަސެންޓް މީހުންނަކީ ޑްރަގް ބޭނުންކުރާ މީހުން ކަމުގައި ރިއާވަނީ ބުނެފައެވެ. މި ގޮތުން މަޝްހޫރު ފިލްމީ ތަރި ސައިފް އަލީ ހާންގެ ދަރިފުޅު ސާރާވެސް މި ލިސްޓުގައި ހިމެނިފައިވާއިރު، ސާރާގެ އިތުރުން 24 ފަންނާނެއްގެ ނަން ރިއާވަނީ އެންސީބީ އާއި ހިއްސާކޮށްފައެވެ. އިންޑިއާގެ މީޑިއާތައް ބުނާ ގޮތުން ކާޓިން ޑައިރެކްޓަރު މުކޭޝް ޗަބްރާ އާއި ސުޝާންތުގެ ކުރީގެ މެނޭޖަރު ރޯހިނީ އައްޔަރު ގެ އިތުރުން ރަކުލް ޕްރީތު ސިންގް އަދި ފެޝަން ޑިޒައިނާ ސިމޯން ކަމްބާޓާ އަކީވެސް މަސްތުވާތަކެތި ބޭނުންކުރާ މީހުންނެވެ.