ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އައްޑޫ ސިޓީ މީދޫ އެކުވެރިންގެ ޗޭނުން ފެށި ‘އެމްއީސީ ބަދެހިކަޕް’ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ރިކްރިއޭޝަނާއި ކްލަބް(އެޗް.އެމް.ޕީ.އާރް.ސީ) އިން ހޯދާފިއެވެ.
ރޭ ކުޅުނު މި މުބާރާތުގެ ފޯރިގަދަ ފައިނަލް ގައި ހުޅުދޫ ޔޫތް(އެޗް.ވައި.އެން.ޓީ) އާއި ބައްދަލުކޮށް އެޗް.އެމް.ޕީ.އާރް.ސީ އިން މި މެޗު ކާމިޔާބުކުރީ 26-35 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެޗް.އެމް.ޕީ.އާރް.ސީގެ ޖީޑީ ނަބީލާ ޖަލީލްއެވެ.
މި މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި މި ދެ ޓީމްވެސް ފައިނަލަށް ދަތުރުކުރީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. މި ގޮތުން ހުޅުދޫ ޔޫތުން ގްރޫޕް އޭގައި ޓީމް ހުދުހުދާއި، އެސްޓިއޯ164 އާއި، އެސްޓިއޯ ފާމަސީ އަދި އެސްޓީއެލް އާއި ބައްދަލުކޮށް ޖުމްލަ 12 ޕޮއިންޓްވަނީ ހޯދާފައެވެ. މުބާރާތުގެ ހުރިހާ މެޗެއްގައިވެސް ތަފާތު ކުޅުމެއް ކުޅެ، މިފްކޯ އާއި، އެމްޕީއެލް ބަލިކޮށް ޖުމްލަ 09 ޕޮއިންޓްވަނީ ހޯދާފައެވެ. މުބާރާތުގެ ސެމީފައިނަލްގައި ހުޅުދޫ ޔޫތާއި އި މިފްކޯ ބައްދަލުކުރި މެޗު 31-27 އިން ޔޫތު ކާމިޔާބުކުރިއިރު ޕޮލިސް ރެކްރިއޭޝަން އާއި ހުދުހުދު ބައްދަލުކުރި ފޯރިގަދަ މެޗު ޕޮލިހުން ކާމިޔާބުކުރީ 35-24 އިންނެވެ.