ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އައްޑޫ ސިޓީ މީދޫ އެކުވެރިންގެ ޗޭނުން ފެށި ‘އެމްއީސީ ބަދެހިކަޕް’ ނެޓްބޯޅަ މުބާރާތުގެ ފައިނަލްގައި މިރޭ ބައްދަލުކުރާނީ ވަރުގަދަ ޕޮލިސް ރިކްރިއޭޝަނާއި ކްލަބް(އެޗް.އެމް.ޕީ.އާރް.ސީ) އާއި ހުޅުދޫ ޔޫތް(އެޗް.ވައި.އެން.ޓީ)އެވެ
މި މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި މި ދެ ޓީމް ފައިނަލްގައި ބައްދަލުކުރާއިރު ދެ ޓީމުންވެސް ސެމީއަށް ދަތުރުކުރީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. މި ގޮތުން ހުޅުދޫ ޔޫތުން ގްރޫޕް އޭގައި ޓީމް ހުދުހުދާއި، އެސްޓިއޯ164 އާއި، އެސްޓިއޯ ފާމަސީ އަދި އެސްޓީއެލް އާއި ބައްދަލުކޮށް ޖުމްލަ 12 ޕޮއިންޓްވަނީ ހޯދާފައެވެ. މުބާރާތުގެ ހުރިހާ މެޗެއްގައިވެސް ތަފާތު ކުޅުމެއް ކުޅެ، މިފްކޯ އާއި، އެމްޕީއެލް ބަލިކޮށް ޖުމްލަ 09 ޕޮއިންޓްވަނީ ހޯދާފައެވެ. މުބާރާތުގެ ސެމީފައިނަލްގައި ހުޅުދޫ ޔޫތާއި އި މިފްކޯ ބައްދަލުކުރި މެޗު 31-27 އިން ޔޫތު ކާމިޔާބުކުރިއިރު ޕޮލިސް ރެކްރިއޭޝަން އާއި ހުދުހުދު ބައްދަލުކުރި ފޯރިގަދަ މެޗު ޕޮލިހުން ކާމިޔާބުކުރީ 35-24 އިންނެވެ.
މިރޭ ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފައިނަލް މެޗަށް ދެ ޓީމުންވެސް ފުރިހަމައަށް ތައްޔާރުވެފައިވާއިރު ހުޅުދޫ ޔޫތް ޓީމްގެ ކޯޗު އައިޝަތު ފާހަތު ބުނީ މިރޭގެ މެޗަށް ޓީމް އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށެވެ. “އަލްޙަމްދުލިއްﷲ، އަޅުގަނޑުމެންގެ އުއްމީދަކީ މި މުބާރާތުގެ ފައިނަލްގައި ކުޅުން. ޓީމް އޮތީ މިރޭގެ މެޗަށް ތައްޔާރަށް” ފާހަތު ބުންޏެވެ. އިތުރަށް ފާހަތު ބުނީ ޓީމްގެ މުހިއްމު ދެ ކުޅުންތެރިއަކަށް އަނިޔާވެފައިވާކަމަށާއި އެހެންނަމަވެސް އެ ޓީމުން ކުޅޭނީ ވަރުގަދަ ކުޅުމެއް ދައްކާ މޮޅުވާންކަމަށެވެ.
މުބާރާތުގައި ބައިވެރިވި ހުރިހާ ޓީމްތައްވެސް ވަރަށް މޮޅުކަން ފާހަގަކުރަމުން ފާހަތު ބުނީ މި މުބާރާތުގައި އެންމެ ތަފާތު ކުޅުމެއް ދައްކާފައިވާ ޓީމްކަމަށެވެ. “އެ ޓީމްގެ ހުރިހާ ކުޅުންތެރިންގެ ކުޅުންވެސް އަވަސްވެފަ، ހުރިހާ ކުޅުންތެރިންވެސް ވަރަށް މޮޅު. ހުޅުދޫ މީދޫ އަށް ނިސްބަތްވާ ކުދިންނާއެކު ހުޅުދޫ ޔޫތު ފައިނަލަށް ދަތުރުކުރުމުން ވަރަށް އުފާވޭ، އަދި ޕޮލިސްޓީމްގެ މޮޅު ކުޅުންތެރިންނާއެކު ފައިނަލްގައި ކުޅެންޖެހުމަކީ ޓީމަށް ލިބުނު ވަރަށް ބޮޑު އުފަލެއް” ފާހަތު ބުންޏެވެ.ފައިނަލާއި ހަމައަށް ޓީމް ދަތުރުކުރުމުގައި ޔޫތުގެ ސަޕޯޓަރުންގެ އެއްބާރުލުން ވަރަށް ބޮޑުކަން ފާހަގަކުރަމުން ފާހަތު ބުނީ ފައިނަލްގައިވެސް ސަޕޯޓަރުންގެ ފޯރިގަދަ ސަޕޯޓް ބޭނުންވާ ކަމަށެވެ. “ޓީމަށް ސަޕޯޓްކޮށްދިން ހުރިހާ ފަރާތްތަތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން.” ފާހަތު ބުންޏެވެ.
މިރޭގެ މެޗާއި ބެހޭގޮތުން ޕޮލިސް ރިކްރިއޭޝަނާއި ކްލަބްގެ ކޯޗު އިޒްމީ ނިޒާރު ބުނީ މިރޭގެ މެޗަށް ޓީމް ތައްޔާރުވެފައިވާކަމަށާއި ޔޫތް ޓީމަކީވެސް މޮޅު ކުޅުންތެރިން ތިބި މޮޅު ޓީމެއްކަމަށެވެ. “އެ ޓީމަކީވެސް މޮޅު ޓީމެއް. މިރޭގެ މެޗު ޕޮލިސް ޓީމުން ކޫޅެނީ އެކަން ދަނެ، އެޓީމަށްވެސް ފުރިހަމައަށް އިހްތިރާމްކޮށްގެން” އިޒްމީ ބުންޏެވެ. މީގެ އިތުރަށް އިޒްމީ ވަނީ ސަޕޯޓަރުންވެސް ކުޅިވަރުގެ ރޫހާއި އެއްގޮތަށް އެޗް.އެމް.ޕީ.އާރް.ސީ އަށް ސަޕޯޓްކޮށްދިނުމަށް އެދިފައެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 5000 ރުފިޔާ އާއި ޝިލްޑް އަދި މެޑަލް ދިނުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފައިނަލް މެޗު ފެށުމަށް ހަމަޖެހިފައިވާ ގަޑިއަކީ މިރޭ 20:30 އެވެ.