English Edition
Dhivehi Edition

ބަޖެޓުގައި ޕީއެސްޕީއައިގެ ޕްރޮޖެކްޓްތައް ގިނައިން ހިމެނުމަކީ މައްސަލައެއް ނޫންކަމަށް މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިހެން ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓަށް ބަހުސް ކުރައްވަމުން، ދައުލަތަށް މިވަގުތު ލިބިފައިވާ މަދު ފައިސާކޮޅު ފުޓްސަލް ކުޅޭ ދަނޑުތައް އެޅުމަށް ހަރަދު ކުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށާއި، ޕީއެސްއައިޕީގެ ޕްރޮޖެކްޓައް މިހިނދުން މިހިނދަށް މަޑުޖައްސާލަން ޖެހޭ ކަމަށް ގިނަ މެމްބަރުން ވިދާޅުވުމާއި ގުޅިގެން އެކަމަކީވެސް މުހިއްމުކަމެއްކަން ފާހަގަކުރައްވަމުންނެވެ.

މި ގޮތުން ރޮޒައިނާ ވިދާޅުވީ ބަޖެޓުގައި ޕީއެސްޕީއައިގެ ޕްރޮޖެކްޓްތައް ގިނައިން ހިމެނުމަކީ މައްސަލައެއް ނޫންކަމަށާއި، ބަޖެޓަކީ އަންދާޒީ ބަޖެޓެއް ކަމަށެވެ. ކުޅިވަރު ދަނޑުތައް ގިނަ ކުރުމަކީ ސިއްހީ ނިޒާމާއި ގުޅިފައި އޮތް ކަމެއް ކަން ފާހަގަކުރައްވަމުން ރޮޒައިނާ ވިދާޅުވީ ކަސްރަތު ކުރުމަކީ މުސްތަގުބަލުގައި ސިއްހީ ނިޒާމަށް ހަރަދުކުރަން ޖެހޭ މިންވަރު ކުޑަވާނެކަމެއްކަމަށެވެ.އިތުރަށް ރޮޒައިނާ ވިދާޅުވީ އެހެންކަމުން ކުޅިވަރު ދަނޑުތައް އިތުރު ކުރުމުން ފައިދާ ވާނީ ހަމައެކަނި އެ ކުޅޭ ބަޔަކަށް ނޫން ކަމަށާއި، އެކަމުގެ ސަބަބުން މުސްތަގުބަލުގައި ހަރަދުތަކެއްވެސް ކުޑަވެގެންދާނެކަމަށެވެ. “އަޅުގަނޑަށް އިނގޭނީ އަޅުގަނޑަށް ގުޅާފަ، އަޅުގަނޑުގެ ދާއިރާގެ ޒުވާނުން މި ފުޓްސަލް ދަނޑެއްގެ ވާހަކަ ދައްކާ މިންވަރު،” ރޮޒައިނާ ވިދާޅުވި އެވެ.

ކޮވިޑްގެ ސަބަބުން ދައުލަތުގެ އާމްދަނީ އިންތިހާއަށް ދަށްވެފައިވީ ނަމަވެސް، އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށައަޅާފައިވާ ބަޖެޓުގައި ފުޓްސަލް ކުޅޭ ދަނޑުތައް އެޅުން އިތުރުވުމުން މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވުންތައް އުފެދިފައިވާއިރު ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ، މިއަދު މިއޮތް ހާލަތަކީ މީގެ ކުރިން ތަހައްމަލު ކުރަން ނުޖެހޭ ފަދަ އުނދަގޫ ހާލަތެއް ކަމަށެވެ. އަދި ބަޖެޓް ކަނޑައަޅަންވާނީ ހާލުގައި ޖެހިފައި ތިބި ދިވެހީންގެ ހިތްތަކަށް ކޮންމެސް ވަރެއްގެ ތަސައްލީއެއް ލިބޭނެފަދަ ގޮތަކަށް ކަމަށް މީކާއިލްވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު، އީވާ އަބްދުﷲ ވަނީ ޕީއެސްޕީއައިގެ ގިނަ ޕްރޮޖެކްޓްތަކަކީ ކޮންމެހެން ކުރަން ނުޖެހޭ، ނަމަވެސް ކޮންމެހެން ވެސް ކުރަން ފައިވިއްދާފައި ހުރިކަންކަމުގެ ގޮތުގައި ސިފަކުރައްވާފައެވެ.