ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޖަވާބުދާރީ ކުރުވުމުގެ ގޮތުން މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރެވޭ ގޮތަށް ގަވައިދު ބަދަލު ކުރުމަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނު އުވާލުމުގެ ބިލުގެ ބަހުސް ކުރިއަށް ގެންގޮސްފައިވާއިރު ގަވާއިދަށް އެ ބަދަލު ގެންނަން ހުށަހަޅާފައިވަނީ ހޯރަފުށީ ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަހުމަދު ސަލީމެވެ. އަހުމަދު ސަލީމް ވިދާޅުވީ މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނާ ސުވާލު ކުރުމުގެ އުސޫލުތަކާއި ވަޒީރުންނާ ކުރެވޭ ސުވާލުތަކަށް ޖަވާބު ދިނުމުގެ އުސޫލަށް އިސްލާހު ގެނައުން ކަމަށެވެ. އަދި މިހާރު އަމަލު ކުރަމުންދަނީ ވަރަށް ކުރީގެ ގާނޫނަކަށް ކަން ސަލީމު ވަނީ ފާހަގަކުރައްވާފައެވެ.
ވަޒީރުންގެ މަޖިލިސް އެކުލެވިގެންވަނީ ހަމައެކަނި ވަޒީރުންގެ މައްޗަށް ނޫން ކަން ފާހަގަކުރައްވަމުން ސަލީމު ވިދާޅުވީ ވަޒީރުންގެ މަޖިލީހުގެ އެންމެ އިސް ދެ ބޭފުޅުންނަކީ ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށެވެ.
މީގެ އތުރުން ސަލީމް ވިދަޅުވީ މިހާރު އަމަލު ކުރަމުންދާ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ އުސޫލަށް ބަލާއިރު ވެސް ވަޒީރުންނާ ސުވާލު ކުރުމުގެ ކަންކަން އިތުރަށް ތަފްސީލު ކުރާނަމަ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ހިމަނައިގެން ކުރިޔަށް ގެންދިއުމަކީ މިހާރު އަމަލު ކުރަމުންދާ ގާނޫނުއަސާސީގެ ރޫހުކަމުގައި ގަބޫލު ކުރެވޭ ކަމަށެވެ.
އިތުރަށް ސަލީމް ވިދާޅުވީ ސަލީމް ވިދާޅުވީ ރައީސް ނުވަަތަ ނައިބުރައީސް ޖަވާބުދާރީވާންޖެހޭނެ ވަރަށް ހާއްސަ ހާލަތުތައް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި އެހެންނަމަވެސް އެކަމާ ގުޅޭ އިޖުރާއަތުތައް މަޖިލީހުގައި ކަނޑައެޅިފައި ނެތުމުން މަސްއޫލިއްޔަތު އަދާކުރެވޭނެ ގޮތެއް ނެތްކަމަށެވެ.