English Edition
Dhivehi Edition
އަހްމަދު އީސާ

ތުރުކީވިލާތުން ޑްރޯން ގަތުމަށް ހިންގި މުއާމާލާތުގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ އަމަލުތައް ހިންގިކަމަށް ތުހުމަތުކޮށް، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މިކަން ބެލުމަށް އެމްޑީޕީ އިން ގޮވާލައިފިއެވެ.

އެމްޑީޕީގެ އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތަރުޖަމާނު އަދި މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ ވިދާޅުވީ، ރާއްޖޭގެ އަސްކަރީ ބާރު ވަރުގަދަކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެމްޑީޕީން ތާއީދުކުރާ ކަމަށެވެ. އެހެންނަމަވެސް ދައުލަތުގެ ބަޖެޓުން ކުރެވޭ ހަރަދުގެ ތަފްސީލު އާންމުންނަށް ހާމަކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އީސާ ވިދާޅުވީ މިދިޔަ ހުކުރު ދުވަހު ސަރުކާރުން އިފްތިތާހުކުރި ތިން ޑްރޯންގެ ތެރެއިން ދެ ޑްރޯން ގަތުމަށް ސަރުކާރުން ހަރަދުކުރި ކަމަށާއި ތުރުކީވިލާތުގެ ސަރުކާރުން އެއް ޑްރޯން ހިލޭ ދިން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފަވާއިރު ދެ ޑްރޯން ގަތުމަށް ސަރުކާރުން 39 މިލިއަން ޑޮލަރު ހަރަދުކުރި ގޮތް ސާފުނުވާ ކަމަށެވެ.

ސަރުކާރުން ޑްރޯން ގަތުމަށް ހަރަދުކުރީ ރަށްރަށުގައި ސަރުކާރުން ހިންގަމުން ދިޔަ އެތައް މަޝްރޫއެއް ހުއްޓުވުމަށް ފަހުގައިކަން ފާހަގަކޮށް އީސާ ވިދާޅުވީ މި މުއާމަލާތުގެ ތެރޭގަ ސިއްސައިގެންދާ ވަރުގެ ބޮޑެތި ކޮރަޕްޝަންތައް ހިނގާފަ އޮތްކަމަށް ގަބޫލުކުރެވޭ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އަށް މި މުއާމަލާތުގެ ތަފްސީލު ގެނެސް ދައުލަތަށް މި މުއާމަލާތުގެ ތެރެއިން ގެއްލިފަ އޮތީ ކިހާވަރެއްތޯ ބެލުމަށް އީސާ ވަނީ ގޮވާލާފައެވެ.