English Edition
Dhivehi Edition
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް/ފޮޓޯ މަޖިލިސްއެމްވީ

ރައްޔިތުންގެ މަޖިލީސް ހިންގަންވީ ގޮތް ކަނޑައަޅާނީ މެންބަރުން ކަމަށާއި، މަޖިލިސް ހިންގަންވީ ގޮތް ނިންމައި މަސައްކަތްތައް ގެންދަން ޖެހޭނެ ގޮތް އެނގޭނީ މަޖިލީހަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މެންބަރުންގެ އަދަދު ގުނާއިރު، މެންބަރުކަމުގައި ދެމިނެތް މެންބަރުންގެ އަދަދު ނުގުނާގޮތަށް ގަވާއިދަށް އިސްލާހު ގެނެސް އިދިކޮޅު މެންބަރުން ރައީސް ވަކިކުރަން ސޮއިހަމަކުރުމާއި ގުޅިގެން އެ ގަވާއިދަށް ގެނައި އިސްލާޙަށް އަމަލުކުރުން ހުއްޓައިލަން ވަގުތީ އަމުރެއް ނެރެދިނުމަށް ބަންޑާރަނައިބުގެ އޮފީހުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. އަދި މި މަހުގެ އަށްވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ މަޖިލީހުގެ ޖުމުލަ މެންބަރުން ގުނާއިރު އިސްތިއުފާ ދީފައިވާ މެންބަރުން ނުގުނާގޮތަށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހަށް އަމަލުކުރުން މަޑުޖައްސައިލުމަށް ވަގުތީ އަމުރެއް ނެރުއްވައިފައެވެ.

އެ އަމުރާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަސްލަމް ވިދާޅުވީ މަޖިލީސް ހިންގާނެ ގޮތް ކަނޑައަޅާނީ މަޖިލީހުން ކަމަށާއި އެއީ ގާނޫނު އަސާސީން ވަރަށް ސާފުކޮށް ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ލިބިދީފައިވާ ބާރެއް ކަމަށެވެ.މަޖިލިސް ހިންގަން ޖެހޭނެ ގޮތުގެ އެއްވެސް އިރުޝާދެއް، ނުވަތަ ލަފައެއް އިތުރު އެހެން އެއްވެސް ބަޔަކަށް ދެވިދާނެކަމަށް ގަބޫލު ނުކުރައްވާކަން ހާމަކުރަމުން އަސްލަމް ވިދާޅުވީ މަޖިލިސް ގަވައިދުގެ 49 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހަކީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ ބޭނުމަށް ގެނައި ބަދަލެއް ކަމަށެވެ.

މި މައްސަލައިގައި އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށް މެންބަރުންނަށް އެއް ގަޑިއިރުގެ ފުރުސަތެއް ހުޅުވާލައްވަމުން އަސްލަމް ވިދާޅުވީ ކޯޓުގެ އަމުރަށް އިޚުތިރާމުކުރުމުގެ ގޮތުން މި ވަގުތަށް މަޖިލީހުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު މަޖިލީހުގެ ޖުމުލަ އަދަދަކީ 87 ކަމުގައި ބަލައިގެން ކުރިއަށް ގެންދާނެކަމަށެވެ.