ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ހަގީގީ ޖުމްހޫރީ ވެރިކަމަކީ ޔުނައިޓެޑް ސުވަދީވް ރިޕްބްލިކް (އެކުވެރި ސުވާދީބު ޖުމްހޫރިއްޔާ) ގެ ވެރިކަން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެެވެ.
ފުވައްމުލަކު ސިޓީ ކައުންސިލާއި ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތައް ގުޅިގެން މި އަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި އޮންލައިންކޮށް ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ވެރިކަމަކީ ވަކިތަނެއްގައި ކުރެވޭ ވެރިކަމެއްކަމަށް ދެކޭ ދެކުން މުތާލިޔާ ކުރަން ޖެހޭ ކަމަށެވެ. “1959 އިން 1963 އާއި ހަމަ އަށް ހިނގި ސުވަދީވް ރިޕަބްލިކަކީ ފުރަތަމަ ފަހަރަށް ރާއްޖޭގައި މަޖިލީހެއް އެކުލަވާލި ވެރިކަން. ޔުނައިޓެޑް ސުވަދީވްގެ ވެރިކަމަކީ ރާއްޖޭގައި ވަރަށް ހިތާމަވެރި އަދި އުނދަގޫ ދުވަސްތަކެއްގައި ހިންގި ވެރިކަމެއް. އެހެންނަމަވެސް ތަރައްޤީގެ ގިނަ ކަންތައްތަކެއް ފެށިގެން އައީ އެ ވެރިކަމުގައި” ނަޝީދު ވިދާޅުވިއެވެ. ރާއްޖެ ލާމަރުކަޒީ ނިޒާމުން ހިންގުމުގެ ވިސްނުންވެސް އެ ވެރިކަމުގައި ގެންގުޅުނު ކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ އެ ވެރިކަމަކީ ދިވެހިންގެ އެތެއް ބަޔަކު ބޭނުންވެގެން ހިންގި ދިވެހިންގެ ވެރިކަމެއްކަމަށެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ ރަސްކަމުގެ ނިޒާމަކުން ޖުމްހޫރީ ވެރިކަމުގެ ނިޒާމަށް ބަދަލުވެގެން ދަނީ ބާރުތައް ރައްޔިތުންނަށް ލިބުމުން ކަމަށް ޤަބޫލު ކުރައްވާކަމަށެވެ. އެހެންކަމުން 1953 ވަނަ އަހަރާއި 1968 ވަނަ އަހަރު ވެރިކަން ކުރި ގޮތަށްބަލާއިރު އެ ވެރިކަމަކީ ޖުމްހޫރީ ވެރިކަމެއްކަން ގަބޫލުކުރަން ދަތިކަމަށެވެ.