އައްޑޫ ސިޓީ މީދޫ އެކުވެރިންގެ ޗޭނު ޖަމްމިއްޔާއިން އިސްނަގައިގެން ‘އެމްއީސީ ބަދެހިކަޕް’ ގެ ނަމުގައި ނެޓްބޯޅަ މުބާރާތެއް ފަށައިފިއެވެ.
އިއްޔެ ހަވީރު މީދޫ ސްޕޯޓްސް އެރީނާގައި ފެށި މު މުބާރާތް ޝަރަފުވެރިކޮށްދެއްވީ އައްޑޫ ސިޓީ މީދޫ އަވަށު އޮފީހުގެ ޑިރެކްޓަރ މާނާ މުންތާޒްއެވެ. އިއްޔެ ކުޅުނު މި މުބާރާތުގެ ފުރަތަމަ މެޗުގައި ހުޅުދޫ ޔޫތާއި އެސްޓީއޯ ބައްދަލުކުރި މެޗު 0-29 ގެ ނަތީޖާއިން ކާމިޔާބުކުރީ ހުޅުދޫ ޔޫތެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހުޅުދޫ ޔޫތު ގެ ހައްވާ މައިސާއެވެ. މި މުބާރާތުގައި ކުޅުނު ދެވަނަ މެޗުގައި އެމްޕީއެލް ކްލަބާއި އާއި އޭއެފްސީ ބައްދަލުކުރި މެޗު 24-24 ގެ ނަތީޖާއިން އެއްވަރުވި އިރު މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޭއެފްސީގެ އައިޝަތު ޝިފްނާ އަބްދުލްކަރީމްއެވެ
އިއްޔެ ކުޅުނު ތިންވަނަ މެޗުގައި އެސްޓީއެލް އާއި ހުދުހުދު ބައްދަލުކުރި މެޗު 34 ޝޫޓް 7 ޝޫޓް އިން ހުދުހުދު ކާމިޔާބުކުރިއިރު މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހުދުހުދު ގެ އާމިނަތު ރަބާބްއެވެ. ރޭ ކުޅުނު ފަހު މެޗުގައި ހުޅުމީދޫ ޕޮލިސް ރިކްރިއޭޝަން ކްލަބާއި ޓީމް ފެނަކަ ބައްދަލުކުރި ފޯރިގަދަ މެޗު ހުޅުމީދޫ ޕޮލިސް ރިކްރިއޭޝަން ކްލަބުން ކާމިޔާބުކުރީ 5-39ގެ ނަތީޖާއިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޮލިސް ރިކްރިއޭޝަން ކްލަބްގެ ޝާމިލާ އަބްދުލް މަޖީދްއެވެ.
މިއަދުވެސް މި މުބާރާތުގެ ހަތަރު މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ހުދުހުދާއި އެސްޓިއޯ ފާމަސީއެވެ. ދެވަނަ މެޗުގައި ޕޮލިސް ރިކްރިއޭޝަން ކްލަބާއި އޭއެފްސީ ނެޓްބޯޅަ ޓީމް ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު މިރޭ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެސްޓިއޯ 164 އާއި އެސްޓީއެލް ކްލަބެވެ. މިރޭގެ ފަހު މެޗުގައި ބައްދަލުކުރާނީ އެމްޕީއެލް ކްލަބާއި ޓީމް ފެނަކައެވެ.
މި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރ އަކީ އޭއޯ ނިއުސް އެވެ.