English Edition
Dhivehi Edition

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ބައެއް އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެތި ހޯދައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

އެ އޮޕަރޭޝަންތައް ހިންގާފައިވަނީ އއ. މަތިވެރި، ނ.ކުޑަފަރި، ޏ.ފުވައްމުލަކު އަދި ބ. ކެންދޫގެ އިތުރުން ތ. ކިނބިދޫގައެވެ.

މި އޮޕަރޭޝަންތަކާއި ގުޅޭ ގޮތުން ފުލުހުން ވިދާޅުވީ ފުވައްމުލަކު ސިޓީގައި ހިންގި އޮޕަރޭޝަަނަކީ ރަށުތެރެ ޕެޓްރޯލު ކުރަމުންދިޔަ ފުލުހުންނަށް އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ނޮވެމްބަރ މަހުގެ 5 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްކަމަށެވެ. މި ގޮތުން އެ އޮޕަރޭޝަނުގައި 48 އަހަރުގެ ދިވެހި ފިރިހެނަކު މަގުމަތިން އޭނާ ހުއްޓުވި ވަގުތު ބިންމައްޗަށް އޭނާ އެއްލައި އެއްޗެއް ނަގައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 18 ރަބަރު ޕެކެޓު ފެނިފައިވާކަމަށެވެ.އަދި މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އެރަށު މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

ފުވައްމުލަކުގެ އިތުރުން ބ. ކެންދޫގައި ހިނގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 12 ރަބަރު ޕެކެޓާއެކު އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނަކުވަނީ ހައްޔަރުކޮށްފައެވެ. މި އޮޕަރޭޝަނާއި ގުޅޭ ގޮތުން ފުލުހުން ވިދާޅުވީ މާލެއިން ފުރައިގެން ކެންދުއަށް ދާ ބޯޓަކުން އެރަށަށް މަސްތުވާތަކެތި ގެންދަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޭދަފުށީގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މި ނޮވެމްބަރ މަހުގެ 5 ވަނަ ދުވަހު ހިންގި އެ ބޯޓު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ފެނިފައިވާކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އޭދަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

އއ. އަތޮޅުގައި ހިންގި އޮޕަރޭޝަނަކީ އެ އަތޮޅު ރިސޯޓަކުން މަތިވެރިއަށް ދާ ސަޕްލައި ދޯންޏަކުން އެރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ރަސްދޫގައި މަސައްކަތްކުރާ ފުލުހުންގެ އިތުރުން މަތިވެރީގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. މިގޮތުން މި ނޮވެމްބަރ މަހުގެ 7 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، މަތިވެރި ބަނދަރާ އެ ދޯނި ގާތްކުރި ވަގުތު އެ ދޯންޏަށް ފުލުހުން އަރައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

އިތުރަށް ފުލުހުން ވިދާޅުވީ ނ. ކުޑަފަރީގައި ހިންގި އޮޕަރޭޝަނަކީ މާލެއިން ފުރައިގެން ކުޑަފަރިއަށް ދާ ބޯޓަކުން އެ ރަށަށް މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މަނަދޫގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށެވެ. އަދި މި ނޮވެމްބަރ މަހުގެ 6 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، އެރަށު ބަނދަރާ ބޯޓު ގާތްކުރި ވަގުތު އެބޯޓަށް ފުލުހުން އަރައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިާއިރު މި މައްސަލައާ ގުޅިގެންވެސް މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން ފުލުހުން ވިދާޅުވީ ތ. ކިނބިދޫގައި ހިންގި އޮޕަރޭޝަނަކީ މާލެއިން ފުރައިގެން ތ. އަތޮޅަށް ދާ ބޯޓަކުން އެ އަތޮޅު އޮމަދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކިނބިދޫގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މި ނޮވެމްބަރ މަހުގެ 4 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި، ކިނބިދޫ ބަނދަރާ އެ ބޯޓު ގާތްކުރި ވަގުތު ފުލުހުން އެބޯޓަށް އަރައި ބަލައި ފާސްކުރިއިރު އެ ބޯޓުގައިހުރި ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިންކޮޅެއް ފެނިފައިވާކަމަށެވެ. އެހެންނަމަވެސް މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.