English Edition
Dhivehi Edition
ދެ ކާރު ޖެހި އެކްސިޑެންޓުވެފައި

ހުޅުމާލެ ފޭސް 2 ގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ކުޑަ އަންހެން ކުއްޖަކަށް ބޮޑެތި އަނިޔާތަކެއް ލިބުމާ ގުޅިގެން، އެ މައްސަލައިގެ ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށް ދެ ކާރެއް ފުލުހުން ޓޯކޮށްފިއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގާފައިވަނީ ރޭ 9:00 ހާއިރު ވިނަރެސް 7 ކުރިމަތީގައި ކަމަށެވެ. އެ ހާދިސާ ހިނގީ ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލެއް، މަގުމަތީގައި ޕާކުކޮށްފައި އޮތް ކާރަކަށް އަރަން މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިގެންނެވެ.

މި އެކްސިޑެންޓުގައި އެންމެ ބޮޑަށް އަނިޔާވެފައިވަނީ ސައިކަލުގެ ފަހަތުގައި އިން 9 އަހަރުގެ ކުއްޖާއަށެވެ. އެކްސިޑެންޓުވުމާއެކު އެ ކުއްޖާ މަގުމައްޗަށް ވެއްޓި ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާއިރު، ހޭނެތިފައި އޮތް އެ ކުއްޖާގެ ބޮލުން ގިނަ އަދަދަކަށް ލޭ ފޭބި ކަމަށް މަންޒަރު ދުށް މީހުން ބުންޏެވެ. އެ ކުއްޖާއަށް މިހާރު ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗުގެ އައިސީޔޫގައެވެ. ސައިކަލު ދުއްވަން އިން އެ ކުއްޖާގެ 18 އަހަރުގެ ބޮޑުދައިތައަށް ވެސް އަނިޔާވެގެން ފަރުވާ ހޯދަން ޖެހުނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ބުނީ ތަހުގީގަށް ޓޯކޮށްފައިވަނީ އެކްސިޑެންޓު ހިނގި ސަރަހައްދުގެ ފޮޓޯއިން ފެންނަން އޮތް ރީނދޫ ކުލައިގެ ކާރަކާއި ހުދު ކުލައިގެ ކާރެއް ކަމަށެވެ. ކުއްޖާއަށް ބޮޑެތި ޒަހަމްތަކެއް ލިބުނީ ކާރުގައި ޖެހިގެން ކަމެއް ނުވަތަ ވެއްޓިގެން ކަމެއް އަދި ކަށަވަރުނުވާ ކަމަށާއި، މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.