މާލެއިން ފުރައިގެން ރާ އަތޮޅު ރިސޯޓަކަށް ދަތުރުކުރަނިކޮށް ކާށިދޫ ކަނޑަށް އަރިއަޅާލި ސަޕްލައި ދޯންޏަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީ، އެ ދޯނި ސަލާމަތްކޮށްފިއެވެ. “ސީލައިން 3” ނަމަކަށް ކިޔާ މި ދޯނި ސަލާމަތްކޮށްފައިވަނީ ބާ އަތޮޅު ފުލުހުންގެ އެހީތެރިކަމާއެކުގައެވެ.
ފުލުހުން ބުނީ، މި ދޯނި އަރިއަޅާލައިގެން ދިޔަވާ ކަމުގެ ރިޕޯޓު ލިބިފައިވަނީ ހެނދުނު 09:57 އެހައިކަންހާއިރު ކަމަށެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ދޯނީގައި ބަރުކޮށްފައި ހުރި ލަކުޑިތައް ހިފެހެއްޓުމަށް އަޅާފައިވާ ބެލްޓު ކަނޑައިގެން ދިއުމާ ގުޅިގެންނެވެ.
މި ރިޕޯޓު ލިބުމާއެކު، އެ ސަރަހައްދާ އެންމެ ކައިރީގައިވާ ބާ އަތޮޅު އޭދަފުށީ ޕޮލިސް ސްޓޭޝަންގެ ލޯންޗެއް ވަނީ ވަގުތުން އެ ތަނަށް ގޮސް އެހީތެރިކަން ދީފައެވެ. ދޯނި އަޑިއަށް ދިޔަނުދީ ސަލާމަތްކުރުމަށްޓަކައި އޭގައި ހުރި ބައެއް މުދާ ކަނޑަށް ދޫކޮށްލި ކަމަށް ފުލުހުން ބުންޏެވެ. އަދި ދޯންޏަށް އެޅުނު ފެން ހިއްކުމުގެ މަސައްކަތްވެސް ފުލުހުން ވަނީ ކޮށްފައެވެ.
ފުލުހުންގެ އެހީތެރިކަމާއެކު ދޯންޏާއި އޭގައި ތިބި ހަތަރު މީހުން (ތިން ދިވެހިންނާއި ބިދޭސީއެއް) މިހާރު ވަނީ ރައްކާތެރިކަމާއެކު އޭދަފުއްޓަށް ގެންގޮސްފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި، އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.