English Edition
Dhivehi Edition
މާލޭ ބޭރު ތޮށި

މާލޭ ބޭރުތޮށީގައި ޖަހާފައި ހުރި ބޮޑެތި ބަޖިޔާ ގާތަކުގެ ތެރެއަށް ވެއްޓި ތާށިވި ދިވެއްސަކު، ގާތައް ހަލާކުކޮށްލައިގެން ސިފައިންނާއި ފުލުހުން ގުޅިގެން މިއަދު ހަވީރު ސަލާމަތްކޮށްފިއެވެ.

އުސްފަސްގަނޑު ސްކޭޓް ޕާކާ ދިމާލު ބޭރުތޮށިގަނޑުގައި ހިނގި މި ހާދިސާގައި، އެ މީހާ ވެއްޓިފައި ވަނީ ގާތަކުގެ ދޭތެރޭގައި ހުރި ހުސް ޖާގައަކުން ވަރަށް ބޮޑަށް އެތެރެއަށެވެ. އެ މީހާ އެތަނުގައި ތާށިވެފައި އޮތްކަން މީހުންނަށް އެނގުނީ، ސަލާމަތްކޮށްދިނުމަށް އެދި އޭނާ ގާތަކުގެ އަޑީގައި އޮވެ ބާރަށް ހަޅޭއްލަވަން ފެށުމުންނެވެ.

އެ ސަރަހައްދުގައި ހުރި މަންޒަރު ދުށް މީހަކު ބުނި ގޮތުގައި، ގާތަކުގެ އެތެރެއިން އެ މީހާ ނަގައިދިނުމަށް އެދި ގޮވި އަޑު ބޭރަށް ވަރަށް ސާފުކޮށް ދިޔައީ އިވެމުންނެވެ. އެއާ އެކު އާންމުން ވަނީ ވަގުތުން ފުލުހުންނަށް މިކަމުގެ މައުލޫމާތު ދީފައެވެ.

އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު އާއި ފުލުހުން ގުޅިގެން ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި، އޭނާ ސަލާމަތްކުރެވުނީ ގާތްގަނޑަކަށް ބައިގަޑިއިރެއްހާއިރުގެ ބުރަ މަސައްކަތުންނެވެ. އޭނާ ތާށިވެފައިވާ ތަނުން ނެގުމަށްޓަކައި އެތަނުގައި ހުރި ބަޖިޔާ ގާތައް ހަލާކުކޮށް، ފަޅާލަން ޖެހުނު ކަމަށް އެ ސަރަހައްދުގައި ތިބި މީހުން މައުލޫމާތު ދިނެވެ.

ގާތަކުގެ ތެރެއިން ނެގުމަށް ފަހު، އެ މީހާއަށް އަވަސް ފަރުވާ ދިނުމަށްޓަކައި ވަގުތުން ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ. ނަމަވެސް އެ މީހާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފުސީލެއް އަދި އެނގިފައެއް ނުވެއެވެ.