English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރް ފިލްމު ‘ސިންގަމް’ ގައި އަޖޭ ދޭވްގަން އާއި އެކު ފެނިގެން ދިޔަ ބަތަލާ ކާޖަލް އަގަރްވާލް ކައިވެނިކޮށްފިއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ވިޔަފާރިވެރިޔާ ގޯތަމް ކިޗްލޫ އާއި ކާޖަލްގެ ކައިވެނީގެ ހަފްލާ މުމްބާއީގައި ބާއްވާފައިވާއިރު މި ކައިވެނީގެ ހަފްލާގައި ބައިވެރިވެފައިވަނީ ދެ ފަރާތުގެ އާއިލާ އާއި ވަރަށް ގާތް އެކުވެރިންނެވެ. މި ކައިވެނީގެ ފޮޓޯތައް މިހާރު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ހިއްސާކުރަމުން އަންނައިރު ކާޖަލްވަނީ ކައިވެނީގެ ހެދުމުގައި ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. ކައިވެނީގެ ކުރިން އޭނާގެ ސަޕޯޓަރުންނަށް ހާއްސަ މެސެޖެއް ދެމުން ކާޖަލް ބުނީ މި ހާލަތުގައި އޭނާގެ ކައިވެނީގެ ހަފްލާ ކުލަގަދަކޮށް ބޭއްވެން ނެތް ކަމަށާއި އެހެންނަމަވެސް އަބަދުވެސް އޭނާއަށް ތާއިދުކުރާ ފަރާތްތަކުން ދެމުން އަންނަ ތަރިހީބަށް ޝުކުރުވެރިވާކަމަށެވެ. އަދި އޭނާގެ ދިރިއުޅުމުގައި މިފަށަން އުޅޭ އާ ފެށުމަށްވެސް ސަޕޯޓަރުންގެ ފަރާތުން ހެޔޮދުޢާ ލިބޭނެކަމުގެ ޔަގީންކަން އޮތްކަމަށް ކާޖަލް ވަނީ ބުނެފައެވެ،

ހިންދީ ފިލްމުގެ އިތުރުން ތެލަގޫ އަދި ތަމަޅަ ފިލްމުތަކުގައިވެސް މަސައްކަތްކޮށްފައިވާ ކާޖަލް ކައިވެންޏަށްފަހުވެސް ފިލްމީ ދާއިރާގައި ދެމިހުންނަން ބޭނުންވާއިރު ދެން އެންމެ އަވަހަށް އޭނާ ފެނިގެންދާނީ ޖޯން އަބްހަރަމާއި އިމްރާން ހާޝިމީއާ އެކު “މުމްބާއީ ސާގާ” އިންނެވެ.