ބޮލީވުޑްގެ ތަރި ސައިފް އަލީޚާނަށް ބަޔަކު ވަޅިން ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.
އިންޑިއާގެ ބައެއް މަސްދަރުތަކުން ހާމަކޮށްފައިވާ ގޮތުގައި ސައިފަށް ހަމަލާދިނީ އެގެއަށް ވައްކަން ކުރަން ދަންވަރު ވަން ވަގުންގެ ބައެކެވެ.
ވަގުން ސައިފުގެ ގެއަށް ވަދެ 10 މިލިއަން ޑޮލަރު ހޯދުމަށް ޑިމާންޑު ކުރަމުން ވަޅިން ސައިފްގެ ހަށިގަނޑުގެ ހަތަނަކަށް ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްފައި ވެއެވެ.
ސައިފަށް ދިން ހަމަލާތަކުގައި މައިބަދައަށް ވަޅިހަރާފައި ވެއެވެ. ސައިފްގެ ސާޖަރީ ދެގަޑިއިރަށް ދެމިގެން ދިޔަކަމަށާއި މައިބަދަ އާދިމާލަށް ދީފައިވާ ޒަޙަމުން ހަމަކިރިޔާ އޭނާގެ ފުރާނަ ސަލާމަތްވީ ކަމަށް ޑޮކްޓަރު ބުނެއެވެ.
ސައިފް އާއި އޭނާގެ އަންހެނުން ކަރީނާ ކަޕޫރު ޚާން ދިރިއުޅެނީ، މުމްބާއީގެ އެންމެ އަގުބޮޑު އެއް ސަރަހައްދުކަމުގައިވާ ބަންޑްރާ ވެސްޓުގައި ހުންނަ 12 ބުރީގެ އިމާރާތެއްގެ ހަތަރު ބުރީގައެވެ. އެތަނުގައި އެމީހުންނާއެކު އެމީހުންގެ ކަންކަން ބަލަހައްޓާ ސެކިއުރިޓީންނާ މަސައްކަތު މީހުން އުޅެއެވެ.
ފުލުހުން ބުނީ ވަގުން ސައިފްގެ ގެއަށް ދަންވަރު ވަދެފައިވަނީ ޖެހިގެން ހުރި އިމާރާތުން ލާފައިކަމަށެވެ. ސެކިއުރިޓީ ބަލަހައްޓާ އެ ގޭތެރެއަށް ވަގުން ވަންގޮތް ހޯދުމަށް އިތުރަށް ފުލުހުން ދަނީ މިމައްސަލަ ތަހުގީގުކުރަމުންނެވެ.