English Edition
Dhivehi Edition

މައްކާގެ ހަރަމްފުޅުގެ ފެންސްތަކެއް ފަޅާލައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް އެކްސިޑެންޓްވެ، ހިނގި ހާދިސާއާއި ގުޅިގެން ކާރުގެ ޑްރައިވަރު ހައްޔަރުކޮށްފިއެވެ.

ސައޫދީ ގަޑިން ހުކުރު ދުވަހުގެ ރޭ 10:30 ހާއިރު ހަރަމްފުޅު ސަރަހައްދަށް ކާރު ވަދެގެން ގޮސް ގޭޓުގައި ޖެހުނު ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެފައެވެ. މި ހާދިސާ އާއި ގުޅިގެން ކާރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އޭނާ އާއި ބެހޭ އެއްވެސް މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ. މިއީ އޭނާ ގަސްތުގައި ކުރި ކަމެއްކަން ނުވަތަ އެކްސިޑެންޓެއް ކަން އަދި އެނގިފާއިނުވާއިރު މި ހާދިސާ މިހާރު އަންނަނީ ތަހުޤީގުކުރަމުންނެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވި ނަމަވެސް، މިއީ ހަރާމްފުޅުގެ ސަލާމާތާއި ގުޅޭ ސީރިއަސް މައްސަލައެއްކަން ފާހަގަކޮށް، މި މައްސަލަ ތަހުގީގުކޮށް އަވަސް ފިޔަވަޅުތައް އެޅުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ސައުދީ ސަރުކާރުގެ އިސް އޮފިޝަލުންވަނީ ބުނެފައެވެ.

މި ހާދިސާގެ ވީޑިއޯ މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު، ކާރު ވަދެގެން ދިޔަ މަގުގައި ހުރި ޕްލާސްޓިކް ފެންސްތައް ފަޅާލުމަށްފަހު ހަރަމްފުޅަން ވަންނަން ހުންނަ ބޮޑެތި ގޭޓްތަކުގެ ތެރެއިން ގޭޓެއްގައި ކާރުޖެހި، މައިތިރިވާ މަންޒަރު ފެނެއެވެ.