English Edition
Dhivehi Edition
ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު, ބަރުލަމާނީ ނިޒާމަށް ބަދަލު ކުރާ ގޮތަށް ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހުގެ ބިލް، ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ބަލައިގަންނަން ފާސްނުވުމުން އެ ބިލް ތަޅުމުން ބޭރުކޮށްލައިފިއެވެ.

ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ބިލް މަޖިލީހުގެ ތަޅުމަށް ބަލައިގަންނަން ފެންނަ ކަމަށް އެންމެ މެންބަރަކު ވޯޓުދެއްވި އިރު ބިލް ބަލައިގަންނަން ނުފެންނަ ކަމަށް 51 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ، މި ބިލާއި މެދު މަޖިލީހުގައި ޖާބިރުގެ އިތުރުން މަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ޝަރީފްއާއި މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެންބަރު އާދަމް ޝަރީފް ވާހަކަދައްކާފައިވާއިރު، އެއްވެސް ޕާޓީއެއްގެ އިތުރު މެމްބަރަކު މި ބިލާއި މެދު ބަހުސްކޮށްފައެއް ނުވެއެވެ.

ރާއްޖޭގައި 2007 ވަނަ އަހަރު ވެރިކަމުގެ ނިޒާމު ކަނޑައަޅަން ވޯޓެއް ނަގާފައިވާއިރު މި ވޯޓުގައި 199،841 މީހުން ވަނީ ވޯޓުލުމަށް ރަޖިސްޓްރީކޮށްފައެވެ. އަދި މި ވޯޓުގައި ބައިވެރިވި 155،890 މީހުންގެ ތެރެއިން 95،619 މީހުން ވޯޓް ދީފައިވަނީ ރިޔާސީ ނިޒާމު އޮންނަން ފެންނަ ކަމަށެވެ. ބަރުލަމާނީ ނިޒާމު އޮންނަން ފެންނަ ކަމަށް ވޯޓް ދީފައިވަނީ 58،504 މީހުންނެވެ.