ލ.ގަމާއި 11 މޭލު ބޭރުގައި އެންދަމަން އޮތް އައްޑޫ ސިޓީ ހިތަދޫ “ފަސްކުރި” ނަމަކަށް ކިޔާ ދޯނި ހައިޖެކްކުރިކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް އެ ދޯނީގެ ވެރި ފަރާތުން ދޮގުކޮށްފިއެވެ.
ލ.އަތޮޅުގެ ފަޅުރަށެއް ކަމަށްވާ “ވަޑިނޮޅު” ކައިރީ އެންދަމަން ދިއްލައިގެން އޮއްވާ ރޭ ދަންވަރު 12:30 ހާއިރު ތޫނު އެއްޗެއްސާއި އެކު ތިރީހަކަށް މީހުންގެ ގުރޫޕަކުން އެ ދޯންޏަށް އަރައި ދޯނީގެ ކެޔޮޅަށް ބިރުދައްކައި ދޯނި ހައިޖެކްކުރުމަށް މަސައްކަތްކޮށްފައިވާކަމަށް ދޯނީގެ ފަޅުވެރިންވަނީ ބުނެފައެވެ. މި ވާހަކަތަކާއި ގުޅިގެން މި ހާދިސާގެ ތަފްސީލް ދެމުން ދޯނީގެ ވެރި ފަރާތުން ބުނީ އެ ދޯންޏަކީ މީގެ ދެއަހަރު ކުރިން ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ކުންފުންޏަކަށް ހަތް މިލިއަން ރުފިޔާ އަށް ވިއްކާލި ދޯންޏެއްކަމަށެވެ. އަދި ދޯނި ގަތް ފައިސާ މަހުން މަހަށް ބަހާލައިގެން ދައްކާ ގޮތައް އެއްބަސްވުމުގައި އޮތް އިރު، ދެމަސް ދުވަހުގެ ފައިސާ ނުދައްކައިފިނަމަ ދޯނި ގެންދެވިދާނެ ކަމަށް އެގްރިމެންޓްގައި ބަޔާންކޮށްފައިވާނެކަމަށް އެ ފަރާތުންވަނީ ބުނެފައެވެ.
މީގެ އިތުރުން ދޯނީގެ ވެރިފަރާތުން ބުނީ ދޯނި ގަތް ފަރާތުން މިހާތަނަށް ދައްކާފައިވަނީ ހަތް ލައްކަ ރުފިޔާ ކަމަށާއި ބާކީ ފައިސާ ދޯނި ގަތް ފަރާތުން ދައްކާފައިނުވާކަމަށެވެ. އެހެންކަމުން ދޯނީގެ ވެރިފަރާތް ނިސްބަތްވާ އަތޮޅަށް ދޯނި ވަނުމުން ދޯންޏަށް އަރައި ސުލްހަވެރިކަމާއި އެކު ދޯންޏާއި ހަވާލުވީކަމަށާއި ދޯންޏަށް އަރާ އެއްވެސް ހަމަނުޖެހުމެއް ހިނގާފައިވާނުވާއިރު ދޯންޏަށް އެރި މީހުންގެ އަތުގައި އެއްވެސް ކަހަލަ ހަތިޔާރެއް ނެތްކަމަށްވެސް ދޯނީގެ ވެރި ފަރާތުންވަނީ ބުނެފައެވެ،އިތުރަށް ދޯނީގެ ވެރިފަރާތުން ބުނީ ދޯންޏަށް އެރުމުގެ ކުރިން އެމައުލޫމާތު ފުލުހުންނާއި ކައްދޫގައި ތިބޭ ސިފައިންނަށް ވެސް ދީފައިވާނެކަމަށާއި ދޯނި ގަމުގެ ބަނދަރަށް ވަން ވަގުތު ފުލުހުން އެތަނަށް ދިޔައީ މަސްލަހަތައްކަމަށެވެ.
މި ހާދިސާއާއި ގުޅިގެން ފުލުހުން ވިދާޅުވީ އެއްބަސްވުމާއި އެއްގޮތަށް ފައިސާ ނުދައްކާތީ ދޯންޏަކަށް އަރައި ރޭ ހަމަނުޖެހުން ހިންގަން އުޅުނު މައްސަލައެއް ބަލަމުންދާކަމަށެވެ.