English Edition
Dhivehi Edition
މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އަމާޒުކޮށްގެން ތައާރަފުކުރި "އާރުވެރި މެޗިން ގްރާންޓު" އިފްތިތާހު ކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު

ރާއްޖޭގެ މަސްވެރި ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އެންމެ ބޮޑަށް ބޭނުންވަނީ ފައިސާގެ އެހީތެރިކަމާއި އިންވެސްޓްމަންޓްތައް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އަމާޒުކޮށްގެން ތައާރަފުކުރި “އާރުވެރި މެޗިން ގްރާންޓު” އިފްތިތާހު ކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޒަމާނުއްސުރެ ރާއްޖޭގައި ކުރަމުން އަންނަ ދެމެހެއްޓެނިވި މަސްވެރިކަމުގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ މިއީ ސަރުކާރަށް އެކަނި ހައްލުކުރެވޭނެ ކަންކަން ނޫން ކަމަށެވެ. އެހެންކަމުން، މިކަމުން އަރައިގަތުމަށް އޮތް އެންމެ ބޮޑު ހައްލަކީ މަސްވެރިންނާއި މި ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތައް ބާރުވެރިކުރުވުން ކަމަށް އޭނާ ވިދާޅުވި އެވެ.

“އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ހޯދުމުގައި، މަސްވެރިންނުން ފެށިގެން ވިޔަފާރިތަކަށް ހުރި ގޮންޖެހުންތައް ވަރަށް ބޮޑެތި. މިކަންކަން ހައްލު ކުރުމަށް ސަރުކާރުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރަމުން މި ދަނީ،” މިނިސްޓަރު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ ވެސް، މަސްވެރިކަމުގެ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި އަމިއްލަ ކުންފުނިތަކަށް ފަހި މާހައުލެއް އުފައްދައިދިނުން ކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތްކޮށްގެން، މިހާރު ހުރި ގޮންޖެހުންތަކުން ސަލާމަތްވެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.