English Edition
Dhivehi Edition
މޫސުން ވަރަށް ގޯސް ދުވަހެއްގައި ދަތުރުކުރަމުން ދިޔަ ލޯންޗެއް

ޗައިނާގެ 14 ޓޫރިސްޓުން ގޮވައިގެން ދަތުރުކުރި ކ. ދިއްފުށީ ލޯންޗެއް ސިނަމަން ދޮންވެލި ކައިރިއަށް އަޑިއަށް ހިނގައްޖެއެވެ. ނަމަވެސް، މި ހާދިސާގައި ލޯންޗުން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.

ޖުމުލަ 18 މީހުންނާއެކު ދަތުރުކުރި މި ލޯންޗުގައި ތިބީ ޗައިނާއަށް ނިސްބަތްވާ 14 ޓޫރިސްޓުންނާއި 4 ދިވެހިންނެވެ. ޓޫރިސްޓުންގެ ތެރޭގައި 4 ކުޑަކުދިންވެސް ހިމެނެއެވެ. މި ލޯންޗު އަޑިއަށް ދިޔައީ ފަހަތުން ދިޔަވެ، ޕަންޕުންވެސް ފެން ނުހިންދިގެން ކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާއާ ގުޅިގެން ދިއްފުށީ ކައުންސިލުން ބުނީ، ލޯންޗުން ދަތުރުކުރި އެންމެންވެސް މިހާރު ވަނީ ދިއްފުއްޓަށް ގެންގޮސްފައި ކަމަށެވެ. އަދި ފުލުހުން ބުނީ، ޓޫރިސްޓުން ގޮވައިގެން ދަތުރުކުރި ލޯންޗެއް ދިޔަވެ އަޑިއަށް ދިޔަ ހާދިސާއެއް ރިޕޯޓުކޮށްފައިވާ ކަމަށާއި، މި ކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ، ކަނޑުތައް ގަދަ ދުވަސްވަރެކެވެ. އެހެންކަމުން ކަނޑުމަތީގެ ހާދިސާތަކުން ރައްކާތެރިވުމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.