English Edition
Dhivehi Edition
ސިނަމާލެ ބުރިޖަށް ރޭ އުރުނު ބޯޓު

މާލެ ކައިރީ އަޅާފައި އޮއްވައި ކަނޑުގަދަވެގެން އޮޔާ ގޮސް ސިނަމާލެ ބުރިޖުގެ ތަނބެއްގައި ޖެހުނު ދެ ބޯޓަކީ، ހުއްދަނެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެގެން މީގެ ކުރިން ހިފަހައްޓާފައިވާ ދެ ތެޔޮ ބޯޓު ކަމަށް ޝިޕިން ދާއިރާގެ މަސްދަރުތަކުން ހާމަކޮށްފިއެވެ. ރޭގެ ވަގުތެއްގައި މި ނުރައްކާތެރި ހާދިސާ ހިނގަން މެދުވެރިވީ މާލެ ސަރަހައްދަށް މޫސުން ގޯސްވެ، ވައިބާރުވުމުގެ ސަބަބުން ބޯޓުތަކުގެ ކޮންޓްރޯލް ގެއްލިގެންނެވެ.

ޝިޕިން ދާއިރާގެ ތަޖުރިބާކާރަކު ބުނި ގޮތުގައި، މި ދެ ބޯޓަކީ އެއްވެސް އިދާރާއަކަށް އެންގުމަކާ ނުލައި އަދި ކްލިއަރެންސް ނުހޯދައި ރާއްޖެ އެތެރެވުމުން މީގެ މަސްތަކެއް ކުރިން ހިފަހައްޓާފައިވާ އުޅަނދުތަކެކެވެ. މިއީ އެއްވެސް ހާލެއްގައި ހާލުގައި ޖެހިގެން ރާއްޖޭގެ ސަރަހައްދަށް ވަން ބޯޓުތަކެއް ނޫން ކަމަށާއި، މި މައްސަލަ ކަސްޓަމްސްއާއި އެމްއެންޑީއެފްގެ އިތުރުން ޓްރާންސްޕޯޓު އޮތޯރިޓީން ދިޔައީ ތަހުގީގު ކުރަމުންނެވެ.

މި ދެ ބޯޓުގައި އިންޑިއާގެ 20 ފަޅުވެރިން ތިބި ކަމަށް މައުލޫމާތު ލިބެއެވެ. އޭގެ ތެރެއިން “ކޭޖީ 1” ކިޔާ ބޯޓުގައި ނުވަ މީހުން ތިބިއިރު، އަނެއް 11 މީހުން ތިބީ “އޭއެލް 1” ނަމަކަށް ކިޔާ ބޯޓުގައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، މާލޭ އުތުރު ފަރާތު ކާނިވަލާ ދިމާލުން އޮޔާދިޔަ މި ދެ ބޯޓުގެ ތެރެއިން އެއް ބޯޓު ގޮސް ބުރިޖުގެ ތަނބަކަށް އުރިފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ބުރިޖަށް ގެއްލުމެއް ލިބުނުތޯ ބެލުމަށް އެ ތަން ބަލަހައްޓާ ސީއެޗްއީސީ ކުންފުނިން ވަނީ ހާއްސަ އިންސްޕެކްޝަނެއް ހަދާފައެވެ. އެ އިންސްޕެކްޝަނުން އެނގުނު ގޮތުގައި ބުރިޖުގެ މައިގަނޑު ސްޓްރަކްޗާއަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ބުރިޖުގައި ކުދި ރެނދުތަކެއް ލާފައި ހުރުމުން، ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް އެ ތަންތަން މަރާމާތު ކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރާނެ ކަމަށް ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވިއެވެ.

މިފަދަ ހާދިސާތަކުން ބުރިޖާއި އެއާޕޯޓު ފަދަ މުހިންމު ވަސީލަތްތައް ރައްކާތެރިކުރުމަށް ސަރުކާރުން މިހާރު ވަނީ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އެގޮތުން އޮޔާދާ އުޅަނދުތައް ބުރިޖާ ހަމައަށް ދިއުމުގެ ކުރިން ހިފެހެއްޓޭނެ ފަދަ ބާރުގަދަ ދެ ޓަގު ބޯޓު ހޯދުމުގެ މަސައްކަތް އެމްޕީއެލް އިން ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި އެ ބޯޓުތައް ލިބޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކަނޑުގެ އުޅަނދުފަހަރު އެޅުމުގެ އުސޫލުތައް މުރާޖާކޮށް ސަލާމަތީ ކަންކަން ހަރުދަނާ ކުރަން ވަނީ ނިންމާފައެވެ.