ސިނަމާލެ ބްރިޖު މަތިން ރޭ ދަންވަރު ކަނޑަށް ފުންމާލި ބިދޭސީ ފިރިހެނަކު، އެމްއެންޑީއެފް ކޯސްޓުގާޑުގެ ޑައިވަރުން ކަނޑުން ނަގައި މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލުކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ، ބްރިޖު މަތިން މީހަކު ފުންމާލި ކަމުގެ ރިޕޯޓު ކޯސްޓުގާޑަށް ލިބިފައިވަނީ ރޭ ދަންވަރު 12:44 ހާއިރު ކަމަށެވެ. އެ މައުލޫމާތު ލިބުމާ އެކު، ކޯސްޓުގާޑުގެ ޑައިވަރުން ވަނީ ލަސްތަކެއް ނުވެ އެ ސަރަހައްދަށް ގޮސް އެ މީހާ ހޯދުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ.
ކަނޑުމަތިން އޭނާ ހޯދުމުގެ މަސައްކަތް ޑައިވަރުން ކުރަމުން ދަނިކޮށް، އެ މީހާ ފެނިފައިވަނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައި ހިފަހައްޓައިގެން އޮއްވައެވެ. ޑައިވަރުންގެ ޓީމުން ވަނީ ވަގުތުން އޭނާ ކަނޑުން ނަގައި، ކޯސްޓުގާޑުގެ އުޅަނދަށް އަރުވައިގެން ރައްކާތެރިކަމާއެކު އެއްގަމަށް ގެނެސްފައެވެ.
ކަނޑުން ސަލާމަތްކުރުމަށްފަހު، އެ މީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެމްއެންޑީއެފުން އާންމުކޮށްފައިވާ ފޮޓޯތަކަށް ބަލާއިރު، އެ މީހާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބި ހާލު ސީރިއަސް ކަމަކަށް ނުފެނެއެވެ.
އެ ބިދޭސީ މީހާ ބްރިޖު މަތިން ކަނޑަށް ފުންމާލަން މެދުވެރިވި ސަބަބާއި، އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ކަމާބެހޭ ރަސްމީ އިދާރާއަކުން އަދި މިހާތަނަށް ހާމައެއް ނުކުރެއެވެ. ފުލުހުން މިހާރު އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.