English Edition
Dhivehi Edition

އައްޑޫ ފްލައިން ސްކޫލުގެ ދަރިވަރުންނާއި މެދު ބޮޑެތި އިހުމާލުތަކެއްވަމުންދާ މައްސަލައިގައި ސަރުކާރުން، ފްލައިން ސްކޫލް ހިންގާ އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އާއި މެދު ފިޔަވަޅު އަޅައިފިއެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސިވިލް އޭވިއޭޝަން އޮތޯރިޓީން މިދިޔަ އަހަރު އެކަޑަމީ އޮޑިޓްކުރުމަށް ފަހު ފާހަގަކޮށްފައިވާ ކަންކަމަކީ ދަރިވަރުންގެ ކިޔެވުމަށް ހުރަސް އެޅޭ ކަންތައްތައް ކަމަށެވެ. އެކަންތައްތައް ރަނގަޅުކުރަން މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް ވެސް ފްލައިން ސްކޫލުން މަަސައްކަތްކޮށްފައި ނުވާކަން ފާހަގަކޮށް އެ މިނިސްޓްރީން ބުނީ ކަމާގުޅޭ އިދާރާތަކުގެ މަޝްވަރާއާ އެކު، ކިޔަވައިދޭ ތަންތަން ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދާއި އެއްގޮތަށް އެކަޑަމީއަށް ފިޔަވަޅުއަޅަން ނިންމާފައިވާ ކަމަށެވެ.

މި ގޮތުން ކޮންމެ ކުއްޖެއްގެ ތަމްރީނު ފުރިހަމަކުރާނެ ގޮތުގެ ޕްލޭނެއް ހަދައި އެ މިިނިސްޓްރީ އަށް ހުށަހަޅައި އެ ޕްލޭން ތަންފީޒުކުރުމަށާއި އަދި އެގޮތުން ހުށަހަޅާ ޕްލޭނާ އެއްގޮތަށް ދަރިވަރުންގެ ތަމްރީނު ފުރިހަމަ ނުކުރެވެނީސް ފްލައިން ސްކޫލަށް އިތުރު ދަރިވަރުން ނުވެއްދުމަށް އޭއޭއޭއަށްވަނީ އަންގާފައެވެ. މީގެ އިތުރުން ދަރިވަރުންނަށް ތަމްރީނާއި ތަޖުރިބާ ދިނުމަށް ހިންގާ އޮޕަރޭޝަން ހަފުތާއަކު ތިން ދުވަހު ހިންގުމުގެ ބަދަލުގައި ފަސް ދުވަހަށް ބަދަލުކުރުމަށްވެސް ވަނީ އަންގާފައެވެ.