ޕްރޮޑިއުސަރު އެކްތާ ކަޕޫރްގެ އެންމެ ކާމިޔާބު އެއް ޑްރާމާ ‘ކަސޯޓީ ޒިންދަގީ ކީ’ގެ ދެވަނަ ސީޒަނުން ފެނިގެން ދިޔަ ޕާތް ސަމްތާންއަކީ ހަމައެކަނި ކުޅަދާނަ އެކްޓަރެއް ނޫނެވެ. ޕާތްގެ މޮޅު އެކްޓިން އާއި އެއްވަރަށް އޭނާއަށް ލިބިފައިވާ ރީތިކަމަކީވެސް ގިނަ ބައެއްގެ މެދުގައި އޭނާ މަގުބޫލުވެގެން ދިޔަ އެއް ސަބަބު ކަން ޔަގީނެވެ. ދިގު އިސްކޮޅަކާއެކު ރީތި ހަށިގަނޑެއް ލިބިފައިވާ ޕާތްގެ ޖާދޫގެ ޖެހުނު މީހުންނަށް އޭނާ ކުރިން ހުންނަ ގޮތް ފެނުމުން ހަމަ ޔަގީނުންވެސް ބޮޑު ހައިރާންކަމެއް ލިބޭނެކަން ޔަގީނެވެ.
މި ފޮޓޯ އިން މި ފެންނަނީ ޕާތް ކުޑައިރު ހުރިގޮތާއި މިހާރު އޭނާއަށް އައިސްފައިވާ ބަދަލެވެ. މި ފޮޓޯ އިންސްޓަގްރާމްގައި ހިއްސާކުރަމުން ޕާތުވަނީ ކުޑައިރު ‘ޗަބީކޮށް’ ހުރި ‘ޕާތް’ މިހާރު މިފެންނަ ‘ފިޓް ޕާތް’ އަށް ބަދަލުވި ގޮތުގެ ވާހަކަ ހިއްސާކޮށްފައެވެ. “ކަބި ހުށީ ކަބީ ގަމް” ގައި ރިތިކް ރޯޝަންގެ ކެރެކްޓާއިން މިސާލު ދައްކަމުން ޕާތް ބުނީ އޭނާގެ ހަށިގަނޑަށް އައި ބަދަލާއި މި ފިލްމުގެ ހާދިސާއާއި ވަރަށް ގުޅޭ ކަމަށެވެ. ” މި ފިލްމުގައި ރޯހަން(ރިތިކް) ވެސް ބޯޑިން ސްކޫލަށް ފޮނުވަނީ. އަހަރެންވެސް ކުޑައިރު ބޯޑިން ސްކޫލަށް ދިޔައީ. އޭރު އަހަންނަކީވެސް ވަރަށް ލަދުރަކި ކުއްޖެއް. އަދި މިއަދު މި ފެންނަ ޕާތް އަށް ބަދަލުވުމަށް ވަރުގަދަ އަޒުމެއްގައި ހުރި ކުއްޖެއް” ޕާތް ބުންޏެވެ.
ޕާތުގެ މި ފޮޓޯއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ދިޔައިރު، އޭނާ ބުނީ ހަށިގަނޑަށް މިފަދަ ބަދަލެއް ގެނައުމަކީ ނުވާނެ ކަމެއް ނޫންކަމަށާއި ބޭނުންވަނީ ހިތްވަރެއް ކަމަށެވެ. ކަސޯޓީ އަށް ފަހު ގޯވާގައި ޗުއްޓީ ހޭދަކުރަމުންދާ ޕާތް މިހާރު އަންނަނީ އޭނާގެ ކުރިއަށް އޮތް ވެބް ޝޯ “މޭ ހީރޯ ބޯލް ރަހާހޫ” ގެ މަސައްކަތަށް ތައްޔާރުވަމުންނެވެ.