ކަސޯޓީ ޒިންދަގީކޭ ގެ ފުރަތަމަ ސީޒަނަށް ލިބުނުފަދަ ހޫނު ތަރްހީބެއް އެ ޑްރާމާގެ ދެވަނަ ސީޒަނަށްވެސް އަންނަނީ ލިބެމުންނެވެ. އަނޫރާގް އާއި ޕްރޭނާގެ ދިރިއުޅުމަށް އަންނަ ތޫފާންތަކާއެކު ޑްރާމާގެ ފޯރި އެތައް ގުނައަކަށް އިތުރުވެފައިވާއިރު އެ ރޯލުން ފެނިގެންދާ ޕާތު ސަމްތާނު އާއި އެރިކާ ފެނާންޑޭޒްގެ ޖޯޑަކީ އެފަދަ ދެވަނަ އެއް ނެތް ޖޯޑެއްކަމަށް ގިނަ ބަަޔަކު ގަބޫލުކުރެއެެވެ، އެހެންނަމަވެސް މި އޮތީ އެ ޖޯޑަށް ތާއިދުކުރާ ފަރާތްތަކަށް އަނެއްކާވެސް ހިތާމަވެރި ހަބަރެކެވެ.
“ކަސޯޓީ ޒިންދަގީ ކޭ 2” ގެ ބަތަލުގެ ރޯލުން ފެނިގެންދާ ޕާތު އާއި އެ ޑްރާމާގެ ބަތަލާ އެރިކާ ޑްރާމާ އިން ވަކިވާން ނިންމާފައިވާއިރު، ޕާތުވަނީ އޭނާ ޑްރާމާ ހުއްޓާލަން ނިންމާފައިވާކަމުގެ ނޯޓިސްވެސް ހަވާލުކޮށްފައެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޕާތު މި ޑްރާމާއިން ވަކިވާން ނިންމި މައިގަނޑު އެއް ސަބަބަކީ މިސްޓަރ ބަޖާޖްގެ އެބުރި އައުމާއެކު އެ ޑްރާމާގައި އޭނާ ކުޅެމުންދިޔަ ބައި ކުޑަކޮށް މުޅި ޑްރާމާގެ ފޯކަސް ބަޖާޖް އާއި ޕްރެނާއަށް ބަދަލުކޮށްލުމެވެ،
މީގެ އިތުރުން ޕާތު 10 އަހަރުގެ ކުއްޖެއްގެ ބައްޕައެއްގެ ރޯލު ކުޅުމަށް ދެކޮޅު ހަދާފައިވާއިރު އޭނާއަށް ދޭ މުސާރައިގެ މައްސަލައަކީވެސް ޑްރާމާއިން ވަކިވާ ސަބަބެއްކަމުގައި މީޑިއާ ރިޕޯޓްތައްވަނީ ބުނެފައެވެ. ކަސޯޓީގައި އަނޫރާގްގެ ބައި ކުޑަކޮށް މިހާރު އެ ރޯލު، ސައިޑް ރޯލަކަށް ހަދާފައިވާއިރު އަނޫރާގް ބުނީ އޭނާ ޑްރާމާ ހުއްޓާލަން ނިންމީ މިހާރު ލިބިފައި ހުރި ބޮޑެތި ޕްރޮޖެކްޓްތަކަށް ވަގުތު ދިނުމަށް ކަމަށެވެ.
މީގެ އިތުރުން އެރިކާވެސް ބޮޑެތި އެހެން ޕްރޮޖެކްޓާއި ދިމާއަށް މިސްރާބު ޖަހާފައިވާއިރު، އޭނާވެސް ޑްރާމާއިން ވަކިވާން ނިންމި މައިގަނޑު ސަބަބަކީ އިތުރު ކުރިއެރުންތަކާއި ފުރުސަތުތައް ހޯދުމަށްކަމަށް މީޑިއާ ރިޕޯޓްތައް ވަނީ ބުނެފައެވެ.
25 ސެޕްޓެމްބަރު 2018 ވަނަ ދުވަހު ފެށި ކަސޯޓީގެ ދެވަނަ ސީޒަންގައި އެރިކާ އާއި ޕާތުގެ އިތުރުން ކަރަން ސިންގް ގްރޯވަރު އާއި ހީނާ ހާން ފެނިގެން ދިޔަ އިރު ފާއިތުވެދިޔަ ދުވަސްތަކުގައި ޑްރާމާގެ ކާސްޓުންނަށްވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.