ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ސްޓާޕްލަސް ގެ ޑްރާމާ ސިލްސިލާ ކަސޯޓީ ޒިންދަގީ ކޭގައި ކޮމޯލިކާގެ ރޯލު ކުޅެމުން އަންނަ އާމްނާ ޝަރީފަށް އަނިޔާވެއްޖެ އެވެ.
ޑްރާމާގެ ސެޓަށް އާމްނާ ފޮރޮޅުލީ ގޮނޑިއެއްގައި ދާ މަންޒަރު ފެންނަ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު އެންމެ ފުރަތަމަ ގިނަ ބަޔަކު ހީކުރީ އެއީ މީހުންގެ ސަމާލުކަން ހޯދަން ޑްރާމާގެ ޕްރޮޑެކްޝަން ޓީމުން ބޭނުން ކުރި އުކުޅެއް ކަމުގައެވެ. އެހެންނަމަވެސް އާމްނާ އޭނާގެ ފަޔަށް ލިބުނު ގެއްލުމުގެ ވާހަކަ އިންސްޓަގްރާމްގައި ހިއްސާކުރުމާއެކު ގިނަ ބަޔަކުވަނީ އޭނާގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އާމްނާ ކުރި ޓުވިޓްގައި ބުނީ އޭނާގެ ފައިގެ ކުޑަހުޅަށް އަނިޔާވީ ވެއްޓިގެން ކަމަށެވެ. އަދި އަނިޔާވި ނަމަވެސް ޑްރާމާގެ ޝޫޓިން ކުރިއަށްދާނެކަމުގެ އުފާވެރި ހަބަރާއެކު އޭނާވަނީ އެ ޑްރާމާގައި މަސައްކަތްކުރާ ޓީމަށް ޝުކުރު އަދާކޮށްފައެވެ.
“ކަހީ ތޯ ހޯގާ”ގައި ކަޝިޝްގެ ރޯލުން ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ބަތަލާ އާމްނާ ، ކޮމޯލިކާގެ ރޯލުން ފެނިގެން ދިއުންވެގެން ދިޔައީ ގިނަ ބަޔަކަށް ބޮޑު އުފަލެއް ލިބުނު ކަމަކަށެވެ. ގިނަ ދުވަސްތަކެއްގެ މެދު ކެނޑުމަކަށްފަހު ވަރުގަދަ ރޯލަކުން އާމްނާ ފެނިގެން ދިޔައިރު މީގެ ކުރިން އެ ޑްރާމާގައި ކޮމޯލިކާގެ ރޯލުން ފެނިގެންދިޔައީ ހީނާހާންއެވެ.