English Edition
Dhivehi Edition

ބޮލީވުޑްގެ ފިލްމު ‘މެހެދީ’ އިން ގިނަބައެއްގެ ސަމާލުކަން ހޯދި ތަރި ފަރާޒް ޚާންގެ ހާލު ސީރިއަސްވެ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން އަންނައިރު، އޭނާގެ ފަރުވާއަށް ބޭނުންވާ ފައިސާ ހޯދުމަށް އާއިލާއިން ވަނީ ގިނަ ބައެއްގެ އެހީތެރިކަމަށް އެދިފައެވެ. މި ގޮތުން ބޮލީވުޑްގެ ތަރިންގެ އެހީތެރިކަމަށް ފަރާޒްގެ އާއިލާއިން އެދިފައިވާއިރު މިކަމުގައި އެންމެ ފުރަތަމަ އިސްނެގި ތަރިއަކީ އޭނާއާއެކު މަސައްކަތް ކޮށްފައިވާ ބަތަލާ ޕޫޖާ ބަޓްއެވެ،

ޕޫޖާގެ މި އިސްނެގުމާއެކު ފަރާޒްގެ ފަރުވާ އަށް މާލީ އެހީ ބޭނުންވާ ވާހަކަ ސޯޝަލް މީޑިއާ އިން ފެނުމުން، މިހާރު މަޝްހޫރު ފިލްމީ ތަރި ސަލްމާން ވަނީ އޭނާގެ ފަރުވާގެ ހަރަދުތަކާ ހަވާލުވެފަ އެވެ. ސަލްމާންގެ މި އެހީތެރިކަން ފާހަގަކޮށް ފިލްމު ‘ޔެސް ބޮސް’ އިން ފެނިގެން ދިޔަ ކަޝްމީރާ ޝާހް އިންސްޓަގްރާމްގައި ބުނީ ސަލްމާން އަކީ ވަރަށް ރަގަޅު އިންސާނެއްކަމަށާއި ފަރާޒް އާއި އޭނާގެ ހުރިހާ ހަރަދެއްގައި ހަވާލުވިކަމަށް ޓަކައި ސަލްމާން އަށް ޝުކުރު އަދާކުރާކަމަށެވެ. “ފަރާޒް ގެ ހާލު ވަރަށް ސީރިއަސް. މި ދަތި ވަގުތު ސަލްމާން، ފަރާޒް އަށް ވެދިން އެހީތެރިކަން އަބަދުވެސް ބަލައިގަންނާނަން. ސަލްމާން އަކީ މުޅި ފިލްމީ ދާއިރާއިންވެސް އަހަންނާއި ދިމާވި އެންމެ ރަގަޅު އިންސާނާ” ކަޝްމީރާ ބުންޏެވެ. ކަޝްމީރާގެ މި ވާހަކައަށް ތާއިދުކޮށް ގިނަ ބަޔަކުވަނީ ސަލްމާންއަކީ އަބަދުވެސް މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ ދީލަތި މީހެއްކަމުގައި ބުނެ އޭނާ އަށް ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ.

1996 ވަނަ އަހަރު ‘ފަރޭބް’ އިން ފިލްމީ ދާއިރާއަށް ނިކުތް ފަރާޒްގެ ހާލު ސީރިއަސްވެ މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން ބެންގަލޫރުގެ ވިކްރަމް ހޮސްޕިޓަލްގައި އެޑްމިޓްކޮށް، ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ އިރު، އޭނާގެ ފުރާނަ ސަލަމާތްވާނެކަމުގެ އުއްމީދު ވަރަށް ކުޑަކަމަށް އާއިލާއިންވަނީ ބުނެފައެވެ. ކުރީގެ ފިލްމީ ތަރި ޔޫސުފްހާންގެ ދަރިފުޅު ފަރާޒްގެ ފަރުވާއަށް އެ އާއިލާގެ އެންމެންގެ އަތުގައި ހުރި ހުރިހާ ފައިސާއެއް ހުސްވެފައިވާކަމަށް ފަރާޒްގެ ކޮއްކޮ ފަހްމާން ޚާން ބުނެފައިވާއިރު، އޭނާ ބުނީ ބޭބެގެ ފުރާނަ ސަލާމަތްވާނެ ކަމުގެ އޮތީ 50 ޕަސެންޓް އުއްމީދެއްކަމަށެވެ.

ފަރާޒްގެ ހާލު މީޑިއާ އާއި ހިއްސާކުރަމުން ފަހްމާން ބުނީ ފާއިތުވީ އަހަރެއްހާ ދުވަހު ފަރާޒް އުޅުނީ ވަރަށް ބަލިކޮށްކަމަށާއި މޭގައި އުފެދުނު އިންފެކްޝަނެއްގެ ސަބަބުން އަބަދު ކެއްސާކަމަށެވެ. އަދި ކުއްލިއަކަަށް އޭނާގެ ހާލު ސީރިއަސްވެ މިހާރު ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން އަންނަތާ ފަސް ދުވަސްވެފައިވާކަމަށެވެ.” ބޭހަށް ގުޑާހެން ހީވަނީ. ނަމަވެސް އަދިވެސް އޮތީ ޚަބަރު ހުސްވެފައި. ބޭހަށް މަދުވެގެން 25 ލައްކަ ރުޕީސް ބޭނުންވޭ،” ފަހްމާން ބުންނެވެ.

ފަރާޒް ކުޅުނު ފިލްމުތަކުގެ ތެރޭގައި ‘ޕްރިތުވީ’ “ދުލްހަން ބަނޫ މޭ ތޭރީ’ ‘ލަވް ސްޓޯރީ 98’ ‘ދިލްނޭ ޕިރް ޔާދް ކިޔާ’ އާއި ‘ޗާންދު ބުޖް ގަޔާ’ ހިމެނެ އެވެ. މީގެ އިތުރުން އޭނާވަނީ 1997 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާއި ހަމައަށް ގިނަ ޓީވީ ޑްރާމާތަކުގައިވެސް ހަރަކާތްތެރިވެފައެވެ.