English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ހާންއަށް ތުހުމަތުކުރަމުންދާ މައްސަލައިގެ އަޑުއެހުމަކަށް މިއަދު ކޯޓަށް ހާޒިރު ކުރާނެކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ސަލްމާންގެ މައްޗަށް އުފުލާފައިވާ މައްސަލައަކީ ހިމާޔަތްކޮށްފައިވާ ކަޅު ކުލައިގެ ފުއްލާތަކެއް ގަވާއިދާ ހިލާފަށް ޝިކާރަކޮށް މަރާލިކަމުގެ މައްސަލައެވެ.

މި މައްސަލައިގައި މިދިޔައަހަރު އޭޕްރީލް މަހުގައި ވަނީ ސަލްމާން ހާން ފަސް އަހަރަށް ޖަލަށްލާން އިންޑިއާގެ ކޯޓުން އަމުރުކޮށް އޭނާ ޖަލަށް ލައިފައެވެ. ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން އިންޑިއާގެ ޖޮދްޕޫރު ކޯޓުން ވަނީ 10،000 ރުޕީސް އިން ސަލްމާން ޖޫރިމަނާ ވެސް ކޮށްފައެވެ. އެހެން ނަމަވެސް ޖަލުގައި ފަސްދުވަސް ހޭދަކުރުމަށްފަހު ކަފާލާތުގެ ދަށުން އޭނާވަނީ މިނިވަންކޮށްފައެވެ.

ސަލްމާނާއެކު މި މައްސަލާގައި ތުހުމަތުކޮށްފައިވާ މަޝްހޫރު ބޮލީވުޑްގެ ތަރިން ކަމަށްވާ ސައިފް އަލީ ހާން އާއި ނީލަމް، ތާބޫ، ސޮނާލީ ބެންޑްރީ އަދި ދުޝްޔަންތު ސިންހްގެ ކުށެއް ނެތްކަމަށްމިދިޔައަހަރު މިމައްސަލަ ބެލި ފަނޑިޔާރުންވަނީ ވަނީ ނިންމާފަ އެވެ. ސަލްމާން އާއި މި ތަރިންގެ މައްޗަށް މި ތުހުމަތުކޮށްފައި ވަނީ 1998 ވަނަ އަހަރު ސޫރަޖް ބަރްޖަތްޔާގެ ފިލްމު “ހަމް ސާތް ސާތް ހޭ” ގެ ޝޫޓިންއަށް ރާޖަސްތާނުގެ ރަށެއް ކަމަށްވާ ކަންކަނީއަށް ގޮސް އުޅުނުއިރު ޖަނަވާރު ޝިކާރަކުރަން ނިކުމެ ހިމާޔަތް ކޮށްފައިވާ ކަޅު ކުލައިގެ ފުއްލާތަކެއް ގަވާއިދާ ހިލާފަށް މަރާލި ކަމުގެ ތުހުމަތުގައެވެ.

އިންޑިއާގެ މީޑިއާތަކުން މިއަދު ރިޕޯޓްކޮށްފައިވާ ގޮތުގައި މިދިޔައަހަރު އޭޕްރީލް ހަތްވަނަ ދުވަހު ސަލްމާން ކަފާލާތުގެ ދަށުން ދޫކޮށްފައިވީ ނަމަވެސް މިއަހަރު އޭޕްރީލް 3 ވަނަދުވަހަށް މައްސަލައިގެ އަޑުއެހުމުގެ ފަހު މަރުހަލާ ވަނީ ތައާވަލް ކުރެވިފައެވެ. އެހެންކަމުން މިއަދު ސަލްމާން ކޯޓަށް ހާޒިރުކޮށް މައްސަލައިގެ ހުކުމް އިއްވާނެ ކަމަށް ނޫސްތަކުގައި ރިޕޯޓްކޮށްފައި ވެއެވެ.

މީގެ ކުރިންވެސް ސަލްމާން ގެ މިމައްސަލާގައި އޭނަގެ އެތައް ފޭނުންތަކަކާއި ބޮލީވުޑްގެ ތަރިންދިޔައީ މިހުކުމާއިމެދު ނުރުހުން ފާޅުކުރަމުންނެވެ. އެމީހުން ބުނާގޮތުގައި އިންޑިއާ އަކީ މުޅިދުނިޔޭގައި ވެސް އެންމެ ކުށްގިނަ ގައުމަށް ވީއިރު، ކުދަކުދިން މެރުމާއި، ރޭޕް އަދި މާރާމާރީ އިންތިހާ އަށް ބިޑުވެފައިވާ އިރު ޖަނަވާރެއް މަރައިގެން ސަލްމާނަށް ކުރަމުން ގެންދާ ތުހުމަތަކީ ބަލައިގަނެވޭނެ ކަމެއްނޫންކަމަށެވެ.

ސަލްމާން ހާން އަކީ މުޅިދުނިޔޭގެ އެތައްބައެއްގެ ލޯބި ލިބިފައިވާ އަދި އިންސާނިއްޔަތައްޓަކައި އެތައް ބަޔަކަށް އެހީވަމުން އަންނަ ފަންނާނެކެވެ. ސަލްމާން ހާން އިންސާނިއްޔަތައްޓަކައި މަސައްކަތް ކުރުމަށް ހުޅުވާފައިވާ އެންޖީއޯ އަށް ދީފައިވާ ނަމަކީ “ބީންހިއުމަން” އެވެ.