English Edition
Dhivehi Edition

ދިޔަރެސް ނޫހުގެ ނޫސްވެރިޔާ އަހްމަދު އަޒާނަށް މަރުގެ އިންޒާރު ދިންކަމަށް ތުހުމަތުކުރާ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ނޫސްވެރިޔާ އަޒާނަށް އިންޒާރު ދިން މައްސަލަ މި މަހުގެ 12 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާއިރު، ފުލުހުންވަނީ އެރެއިން ފެށިގެން އެ މައްސަލަ ބަލަމުންދާ ކަމަށް ބުނެފައެވެ.

އަޒާންގެ އިތުރުން ދިޔަރެސް ނޫހުގެ އިތުރު ނޫސްވެރިޔަކަށް، ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ފުރައްސާރަކޮށް ބިރުދެއްކި ކަމަށް ބުނާ މައްސަލައާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މައްސަލަ އަވަހަށް ބަލައިދީ ފިޔަވަޅު އަޅައިދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުންވަނީ ފުލުހުންގެ ފަރާތުން އެދިފައެވެ.

މި މައްސަލަ އާއި ގުޅޭ ގޮތުން އަލްހާން ވިދާޅުވީ ނޫސްވެރިންނަށް ބިރުދެއްކި ވާހަކައަކީ ދޮގު ވާހަކަތަކެއް ކަމަށާއި އޭނާއަށް އިންޒާރުދީ ފުރައްސާރަކުރީ ނޫސްވެރިޔާ އަޒާން އާއި އިތުރު ބައެއްކަމަށެވެ. އަދި މިހާރު އެ މައްސަލަ ފުލުހުންނަށް ވެސް ހުށަހަޅާފައިވާނެކަމަށް އަލްހާންވަނީ ވިދާޅުވެފައެވެ.