މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ޑރ. މުއިއްޒުއަށް މަރުގެ އިންޒާރު ދިން މައްސަލައެއް މާލެ ސިޓީ ކައުންސިލުން ފުލުހަށް ހުށަހަޅާފައިވާކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން މުއިއްޒަށް މަރުގެ އިންޒާރު ދީފައިވަނީ ފޭސް ބުކް މެދުވެރިކޮށް ފޮނުވި މެސެޖެއްގައެވެ. މިކަމާއި ބެހޭ އިތުރު ތަފްސީލެއް ފުލުހުންވެސް އަދި މާލެ ސިޓީ ކައުންސިލުންވެސް ހާމަކޮށްފައެއް ނުވެއެވެ.
ރާއްޖޭގައި ސިޔާސީ ފަރާތްތަކުގެ އިތުރުން އާއްމު ރައްޔިތުންނަށް ވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް މަރުގެ އިންޒާރު ދިނުމާއި، ބިރު ދެއްކުމުގެ އަމަލުތައް ކުރަމުން އަންނައިރު މިއީ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރާ މައްސަލަތަކެކެވެ.