English Edition
Dhivehi Edition
އަލްހާން ފަހްމީ

ކުރީގެ މަޖިލީސް މެމްބަރު އަލްހާން ފަހުމީ ހިއްސާވާ ކުންފުނި ކިންގްސް ކެޕިޓަލްއިން ހިންގި ސްކޭމަށް ފައިސާ ދިން މީހަކަށް އަނބުރާ ފައިސާ ދޭން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

ސިވިލް ކޯޓުން މިއަދު އަންގާފައިވަނީ ކިންގްސް ކެޕިޓަލްގައި ފައިސާ އިންވެސްޓްކުރި މީހަކަށް 90،000ރ. އަނބުރާ ދެއްކުމަށެވެ.

ފައިސާ އިންވެސްޓްކުރި މީހުންގެ ތެރެއިން އެކަކު އިންވެސްޓްކުރި 100،000ރ. ތެރެއިން 90،000ރ. އަނބުރާ ނުދިން މައްސަލަ އެ މީހާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން، އެ ކުންފުނީގެ ޣައިރު ހާޒިރުގައި ކޯޓުން މިއަދު ހުކުމްކުރީ މިއަދުގެ ތާރީޚުން ފެށިގެން އެއް މަސް ތެރޭގައި އެ ފައިސާ ދައްކާ ޚަލާސް ކުރުމަށެވެ.

ކިންގްސްގެ ހިއްސާދާރުންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތުކޮށް، ފުލުހުން އަންނަނީ ޖިނާއީ މައްސަލައެއް މިހާރު ވެސް ބަލަމުންނެވެ. އެކަމަކު ބޭންކް އެކައުންޓްތައް ހިފެހެއްޓި މައްސަލާގައި ސިވިލް ކޯޓުން ކުރިން ނިންމާފައިވަނީ އެކަން ބީއެމްއެލްއިން ކުރީ ގާނޫނާ ޚިލާފަށް ކަމަށެވެ. އެ މައްސަލަ ބީއެމްއެލްގެ ފަރާތުން ހައި ކޯޓުގައި މިހާރު ވަނީ އިސްތިޢުނާފްކޮށްފަ އެވެ.

އަލްހާންގެ ކުންފުނިން ހިންގަމުން ގެންދިޔައީ ޕޮންޒީ ސްކީމެއް ކަމަށް ދައުލަތުގެ އިދާރާތަކަށް ރޭކާލީ އެކަން ކުރަމުން އަންނަތާ އެތައް ދުވަހެއްވީ ފަހުންނެވެ. އެހިސާބުން ސްކީމް ހުއްޓުވިއިރު އެތައް ސަތޭކަ މީހުންގެ އަތުން ނެގި 98 މިލިއަން ރުފިޔާގެ ތެރެއިން 65 މިލިއަން ރުފިޔާ އަނބުރާ ނުދޭ ކަމަށް ފުލުހުން ވެސް ވަނީ ބުނެފައެވެ.

ކިންގްސް ކުންފުނިން ފެށި ސްކީމްގައި ގިނަ ބަޔަކު ބައިވެރިވެ، ފައިސާ އިންވެސްޓްކޮށްފައި ވަނިކޮށް މިދިޔަ އަހަރު އެ ކުންފުނީގެ އެކައުންޓްތައް ހިފަހައްޓައި، ޖިނާއީ ތަހުގީގެއް ވަނީ ފަށާފައެވެ.