English Edition
Dhivehi Edition

ކޮވިޑް-19އާއި ގުޅިގެން، ވެންޓިލޭޓަރު ގަތުމުގަގައި ނާޖާއިޒު ކަންތައްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުވާ މައްސަލައިގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީންގެ މައްޗަށް ދައުވާކޮށް ދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕީޖީ އޮފީހުގައި އެދިއްޖެ އެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މީގެ ކުރިންވެސް އެ މައްސަލައިގައި ޕީޖީ އޮފީހާ އެކު އޭސީސީއިން މަޝްވަރާކޮށްފައިވާ ކަމަށާއި މިއަދު ހެނދުނު އެ މައްސަލަ އޭސީސީއިން ޕީޖީއަށް ފޮނުވީ ވަރަށް ކުއްލި ގޮތަކަށް ކަމަށެވެ.

މި މައްސަލައިގައި މިނިސްޓަރުގެ އަމީން އާއި އިތުރު ބޭފުޅުންތަކެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިފައިވާއިރު އަމީންގެ މައްޗަށް ތުހުމަތުކޮށްފައިވަނީ 75 ވެންޓިލޭޓަރު ހޯދުމަށް ދުބާއީ މީހެއް ކަމަށްވާ ޑރ. އަލީ އަލް ތަޚުމަތީގެ ކުންފުނި، އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގެ ނިޔަތުގައި މަގާމުގެ ނުފޫޒު ބޭނުން ކުރެއްވި ކަމުގެ ތުހުމަތެވެ،

އަމީންގެ އިތުރުން މި މައްސަލައިގައި ދައުވާކޮށްދިނުމަށް ފޮނުވާފައިވާ މީހުންނަކީ ޑެޕިއުޓީ މިނިސްޓަރު، ޝިޔާމާ މުހައްމަދު، ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު، ފައިނޭންޝަލް އެގްޒެކެޓިވް އަހްމަދު އަސްލަމް، ޑިރެކްޓަރު ނައުޝާދު އަލީ، އެސިސްޓެންޓް ޑިރެކްޓަރު ފާތުމަތު ލިމްޔާ، ބިޑް ކޮމިޓީ މެމްބަރު، އާމިނަތު ޝައުފާ، ލީގަލް އޮފިސަރު، އަލީ ޝިހާމް، އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރު ހުސައިން ނިޔާޒްގެ އިތުރުން އެސިސްޓެންޓް ޑައިރެކްޓަރު އަބްދުﷲ ހަފީޒްއެވެ.

ކޮވިޑް-19 އާ ގުޅިގެން ހެލްތް މިނިސްޓްރީން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓު އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާއިރު، ރިޕޯޓުގައި ހުރި ކޮރަޕްޝަނަށް ތުހުމަތުކުރެވޭ މައްސަލަތައް ތަހުގީގުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެންޓިކޮރަޕްޝަން ކޮމިޝަނާއި ފުލުހުންނަށް އަންގައިފައެވެ.

މި މައްސަލަ ފެންމަތިވެ މިނިސްޓަރ އަމީން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގޮވާލާފައިވާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ފޮނުއްވި ސިޓީއެއްގައި އަމީން ވިދާޅުވީ، އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާއި ގުޅިގެން، ކަމާބެހޭ މުއައްސަސާތަކުން އެމައްސަލަ ތަހުގީގުކޮށް ގޮތެއް ނިންމަންދެން ނުވަތަ ރައީސް ވަކިގޮތެއް އަންގަވަންދެން ހެލްތު މިނިސްޓްރީގެ މަސައްކަތުން އެކަހެރިވާން ގަސްތުކުރައްވާ ކަމަށެވެ.