މައްސަލައެއްގެ “އައުޓްކަމް” އަންނަ ގޮތަކުން ކޮންމެ ފަހަރަކު އޭސީސީގެ މެމްބަރުން މަގާމުން ދުރުކުރަން ވެއްޖެނަމަ، އޭސީސީގެ މެމްބަރުންނަށް އެމީހުންގެ މަސައްކަތް ކުރުމަށް އުނގަދޫ ވާނެކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) ގެ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވެއްޖެ އެވެ.
ޝިއުނާ މިހެން ވިދާޅުވީ ވެންޓިލޭޓަރު ވައްކަމުގެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސާ މަރިޔަމް ޝިއުނާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ފެނިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
ވެންޓިލޭޓަރުތައް ގެންނަން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އެގްޒެކިއުޓާސްް ޖެނެރަލް ޓްރޭޑިން ކުންފުންޏާ ހަވާލުކޮށް، އެޑްވާންސްކޮށް ފައިސާ ދެއްކުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، އޭސީސީން އެ މައްސަލަ ޕީޖީ އަށް ފޮނުވުމުން ޕީޖީން ވަނީ އެކަމުގައި ދައުވާކުރެވޭ ވަރުގެ ހެއްކެތް ނެތްކަމަށް ނިންމާފައެވެ. ޕީޖީގެ މި ނިންމުން މުރާޖާކުރުމަށް އޭސީސީއިން އެދިފައިވާއިރު ފާއިތުވި ފަސް މަސްދުވަހު އެ މައްސަލަ ބެލުމަށްފަހު ނިންމީ، ކުރިން ހޯދާފައިވާ ހެއްކާއި ގަރީނާގެ މައްޗަށް ބަލައި ޖިނާއީ ކުށެއްގައި ސާބިތު ކޮށްދޭންޖެހޭ އުންސުރުތައް ސާބިތުކޮށްދެވިދާނެ ކަމަށް ނުފެންނާތީ ދައުވާކުރެވެން ނެތް ކަމަށް ޕީޖީ އިންވަނީ ނިންމާފައެވެ.
މި މައްސަލައާއި ގުޅިގެން އެމްޑީޕީގެ ބައެއް އިސް މެމްބަރުންނާއި އާންމު ރައްޔިތުންވެސް ކަންބޮޑުވުން ފާޅުކޮށް ޕީޖީ އަށާއި އޭސީސީއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، އޭސީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިއުނާ ވިދާޅުވީ ކޮންމެ ފަހަރަކު އޭސީސީގެ މެމްބަރުން މަގާމުން ދުރުކުރަން ވެއްޖެނަމަ، އޭސީސީގެ މެމްބަރުންނަށް އެމީހުންގެ މަސައްކަތް ކުރުމަށް އުނގަދޫ ވާނެކަމަށެވެ. އަދި މިއީ އޭސީސީ މިނިވަންކަމާއެކު މަސައްކަތް ކުރުމަށް އެޅޭ ހުރަހެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ޝިއުނާ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ޝިއުނާ ވިދާޅުވީ މި މައްސަލައާއި ގުޅިގެން އޭނާގެ ނޯ ކޮންފިޑެންސް ވޯޓު ނަގާ މަގާމުން ދުރުކުރުމަށްވެސް މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި މަގާމުގެ ގޮތުން އޭނާ ޖަވާބުދާރީ ކުރަން ތިބި ފަރާތްތަކުން އޭނާގެ އިސްތިއުފާ އަށް އެދުމަކީ މައްސަލައެއް ނޫންކަމަށް ޝިއުނާ ވަނީ ވިދާޅުވެފައެވެ. މަގާމުން އިސްތިއުފާ ދިނުމަށް ވަކި ފަރާތަކުން ނުފޫޒުނުފޯރުވާކަން ފާހަގަކުރަމުން ޝިއުނާ ވިދާޅުވީ މަގާމުން އިސްތިއުފާން ދޭނެ ސަބަބެއް ފެނިއްޖެނަމަ އިސްތިއުފާދޭނެ ކަމަށެވެ.