English Edition
Dhivehi Edition

ކޯވިޑް-19ގެ އެންމެ ގޯސް ޙާލަތާ ދިމާކޮށް ރާއްޖެއިން ގެންނަން މަސައްކަތްކުރި ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ދިވެހި ސަރުކާރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ދެ މިލިއަނަށް ވުރެ ގިނަ ޑޮލަރު ހޯދަން އާބިޓްރޭޝަނަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. ސަރުކާރުން އެދިފައިވަނީ އެއްބަސްވުމާ އެއްގޮތަށް ފޯރުކޮށްދީފައިނުވާ ވެންޓިލޭޓަރުތަކުގެ އަގަށްވާ ފައިސާ އާއި، ވެންޓިލޭޓަރުތައް ފޯރުކޮށްދީފައިނުވާތީ ލިބިފައިވާ ގެއްލުމުގެ ބަދަލާއެކު ޖުމްލަ 32.5 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ.

އެޓަރނި ޖެނެރަލްގެ އޮފީހުން ނެރުނު ނޫސްބަޔާނެއްގައިވަނީ ވެންޓިލޭޓަރުތައް ގެނެސްދިނުމަށް ފެބްރުއަރީ 2، 2020 ގައި ރާއްޖޭގެ ހެލްތު މިނިސްޓްރީ އާއި އެގްޒެކިއުޓާސްއާ އެކު ހެދި އެއްބަސްވުމާ އެ ކުންފުނިން ހިލާފުވެފައިތީ އެ މައްސަލަ މި މަހުގެ 16 ގައި ރާއްޖޭގެ އާބިޓްރޭޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

ވެންޓިލޭޓަރު މައްސަލާގައި 11 މީހެއްގެ މައްޗަށް ދަޢުވާކުރަން އޭސީސީން ވަނީ 2 ފަހަރެއްގެ މަތީން ޕީޖީ އޮފީހުގައި އެދިފައެވެ. ނަމަވެސް އޭސީސީން ދައުވާ ކުރަން ފޮނުވިއިރު، ބައެއް މައުލޫމާތުތައް ފުރިހަމަ ނުވާތީ އެކަންކަން ފުރިހަމަ ކުރުމަށް ޕީޖީ އޮފީހުން ވަނީ އޭސީސީއަށް ފޮނުވާފައެވެ. މި މައްސަލައިގެ ތަޙުޤީޤު ނިންމާ އެސީސީން ދައުވާކުރަން ފޮނުވީ އޭރުގެ ހެލްތު މިނިސްޓަރ އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ ބިޑްކޮމެޓީގައި ހިމެނޭ ބައެއް މެމްބަރުންނާއި މިނިސްޓްރީގެ އިސް ބައެއް ވެރިންގެ މައްޗަށެވެ.
ނަމަވެސް މިމައްސަލާގައި ޕީޖީ އޮފީހުން ދައުވާ ކުރުމާއިމެދު ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކުރީގެ ހެލްތު މިނިސްޓަރ އަމީންއާއި އަދި އެހެން ބައެއް މީހުންގެ މައްޗަށް ދައުވާ ނުކުރަން ނިންމައި އޭސީސީއަށް ފޮނުވިއެވެ.

ކޯވިޑުގެ ފުރަތަމަ ރާޅާއެކު ބަލީގެ ޙާލަތު އަތްނުފޯރާ ފަށަށް ހިނގައިދާނެތީ، ސަރުކާރުން އެޅުއްވި ޚާއްސަ ފިޔަވަޅުތަކުގެ ތެރެއިން “ސިންގަލް ސޯސް ޕްރޮކިޔުމަންޓް” އުސޫލުން 75 ވެންޓިލޭޓަރު ހޯދުމަށް ދުބާއީގެ އެގްޒިކިއުޓާސް ކުންފުންޏާއެކު އެއްބަސްވެ ވިޔަފާރީގެ މުޢާމަލާތްވަނީ ހިންގާފައެވެ. އަދި އެކުންފުންޏަށް އެޑްވާންސް ފައިސާގެ ގޮތުގައި 30.9 މިލިއަން ރުފިޔާ ދިވެހި ދައުލަތުގެ ފަރާތުން ދައްކާފައިވެއެވެ. މިއެއްބަސްވުމުގެ ދަށުން ލިބުނީ އެންމެ 15 ވެންޓިލޭޓަރެވެ. އެއީވެސް ދިވެހި ދައުލަތުން އެއްބަސްވި މިންގަނޑަށް ނުފެތޭ ތަކެތިކަމަށް ވުމުން ދައުލަތުން އެތަކެތި ބަލައިގެންފައެއް ނުވެއެވެ.