English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރާ މާލަމުގައި މެމްބަރުން އިށީނދެ ތިއްބަވާއިރު ސިޔާސީ ޕާޓީތައް ވަކިވާ ގޮތަށް ތަރުތީބު ބަދަލު ކުރުމަށް މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފިއެވެ.

އިއްޔެ ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މަޖިލީސް ކުރާ މާލަމުގައި މެމްބަރުން އިށީނދެ ތިއްބަވާނެ ތަރުތީބެއް ކަނޑައަޅައި ރިޕޯޓެއް އެކުލަވާލަން އާންމު ކޮމިޓީއަށް ފޮނުވާފައިވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއެވެ، ސިޔާސީ ޕާޓީތައް ވަކިން ތިބޭ ގޮތަށް މަޖިލީހުގެ ތަޅުމުގައި ގޮނޑިތައް އަތުރާނެ ގޮތުގެ ތަރުތީބު ބަދަލު ކުރަން ކޮމިޓީގައި ތިއްބަވާ 07 މެމްބަރުގެ ތެރެއިން 04 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ. ކޮމިޓީން މި ގޮތަށް ފާސްކުރި ނަމަވެސް މަޖިލީހުގެ ތަޅުމުގައި މިކަމާއި މެދު އަދި ބަހުސެއް ކުރިއަށް ގެންދިއުމަށްފަހު ގޮތެއް ނިންމާނީ ތަޅުމުގައި ނަގާ ވޯޓުންނެވެ.

މިހާރު މެމްބަރުން މަޖިލީހުގެ ތަޅުމުގައި އިށީނދެ ތިއްބަވާ ތަރުތީބަކީ، އެންމެ ކުރީ ގޮނޑި ބަރީގައި މާލެ ދާއިރާތައް ތަމްސީލުކުރައްވާ މެމްބަރުން ތިބުމަށް ފަހު ދެން ހއ. އަތޮޅުން ފެށިގެން ސ. އަތޮޅާ ހަމައަށް އިދާރީ ދާއިރާތައް ތަރުތީބުވާ ގޮތަށެވެ.