އައްޑޫ ސިޓީ އާއި ހުވަދު އަތޮޅާއި ދެމެދު ސީޕްލޭންގެ ހިދުމަތް ފަށަން, މޯލްޑިވިއަން އާއި އެކު އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިއަދު އައްޑޫ ސިޓީގައި ބޭއްވި މި ރަސްމިއްޔާތުގައި ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ އިތުރުން އައްޑޫ އާއި ގއ. ގދ. އަތޮޅަށް ނިސްބަތްވާ މަޖިލީސް މެމްބަރުން ބައިވެރިވެ ވަޑައިގަތެވެ.
މި އެއްބަސްވުމުގައި އައްޑޫ އިންޓަނޭޝަލް އެއާޕޯޓްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ގައިސް ނަސީރެވެ. މޯލްޑިވިއަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީއެވެ.
މި ބައްދަލުވުމުގައި އައިލޭންޑް އެވިއޭޝަންގެ މެނޭޖިންގް ޑިރެކްޓަރު ރިޒްވީ ވިދާޅުވީ، އައްޑޫ ސިޓީ އާއި ހުވަދު އަތޮޅާއި ދެމެދު ސީޕްލޭންގެ ދަތުރުތައްކުރިއަށް އޮތް 45 ދުވަސް ތެރޭގައި ފަށާނެ ކަމަށާއި އޭގެ ސަބަބުން ދެ އަތޮޅުގެ ޓޫރިޒަމް ވަރަށް ބޮޑަށް ރަނގަޅުވެ އިގްތިސާދު ވެސް ފުޅާ ވެގެން ދާނެ ކަމަށެވެ. މީގެ އިތުރުން ރިޒްވީ ވިދާޅުވީ އެ ކުންފުންޏަކީ ރާއްޖޭގެ ފަތުރުވެރިކަން ފުޅާ ކުރުމުގައި އެންމެ ބޮޑު ރޯލެއް މިއަދާ ހަމައަށް އަދާ ކުރަމުން އައި ކުންފުނިކަން ފާހަގަކުރައްވާފައެވެ.
މީގެކުރިން އައްޑޫ އާއި ހުވަދޫ އާއި ދެމެދު ސީޕްލޭންގެ ހިދުމަތް ފެށުމަށް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އާއި ހަވާލުކޮށްފައިވާއިރު، އެކުންފުންޏަށް މި ހިދުމަތް ދެވޭ ގޮތް ވަނީ ނުވެފައެވެ