English Edition
Dhivehi Edition
މޯލްޑިވިއަންގެ މަތިންދާ ބޯޓެއް - ފޮޓޯ: މޯލްޑިވިއަން

ރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަން އިން 25 އޭޕްރީލް 2024 އިން ފެށިގެން ސްރީލަންކާގެ ކޮލޮމްބޯގެ ބަންޑާރަނައިކެ އިންޓަރނޭޝަނަލް އެއާޕޯޓަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމުގައި އެ އެއާލައިނުން ހާމަކޮށްފިއެވެ.

މޯލްޑިވިއަން އިން ވަނީ ޖެނެރަލް ސޭލްސް އޭޖެންޓް (ޖީއެސްއޭ) ގެ ގޮތުގައި ސްރީލަންކާއިން ނަވާލޯކާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑާއެކު ޕާޓްނަރޝިޕް ހަދާފައެވެ. ސްރީލަންކާއިން މޯލްޑިވިއަންއާ އެކު މަސައްކަތް ކުރަން ބޭނުންވާ ކްލައިންޓުންނާއި ޕާޓްނަރުން ނަވާލޯކާ އޭވިއޭޝަންއާ ގުޅިގެން މަސައްކަތް ކުރެވިދާނެ އެވެ. މޯލްޑިވިއަން އާއި ނަވާލޯކާ އަކީ އެކި ދާއިރާތަކުން ޕާޓްނަޝިޕްގެ ދިގު ތާރީހެއް ހިއްސާކުރާ ކުންފުންޏެކެވެ.

މޯލްޑިވިއަން އިން ހާމަކުރާ ގޮތުގައި މިއަދުން ފެށިގެން މޯލްޑިވިއަންގެ ވެބްސައިޓާއި، މޮބައިލް އެޕްލިކޭޝަން އަދި ޓިކެޓިންގ އޮފީހުން ކޮލޮމްބޯ ރޫޓުގެ ޓިކެޓުތައް ލިބޭނެ ކަމަށެވެ. މޯލްޑިވިއަން އިން ކޮލޮމްބޯއަށް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ހަފުތާއައެކު ދެ ފަހަރުއެވެ. އެއީ ބުރާސްފަތި ދުވަހާއި ހޮނިހިހު ދުވަހެވެ. މިގޮތަށް ތާވަލު ރޭވިފައިވަނީ ޗުއްޓީއަށާއި ވިޔަފާރީގެ ބޭނުމަށްވެސް ދަތުރުކުރާ ފަރާތްތަކަށް ހަފުތާގެ ބަންދުގެ ބޭނުން ހިފޭ ގޮތަށް ދަތުރުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ކަމުގައި އެ އެއާލައިނުން ބުނެއެވެ.

މިކަމާ ގުޅޭ އިތުރު މަޢުލޫމާތު އަދި ކޮލޮމްބޯ ރޫޓުގެ ބުކިންގ މޯލްޑިވިއަންގެ ވެބްސައިޓުން ހެއްދޭނެއެވެ.