English Edition
Dhivehi Edition
އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު މޯލްޑިވިއަންގެ ފްލައިޓެއްގައި ދަތުރުކުރައްވަނީ

މިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކެމްޕޭން ކުރި ދުވަސްވަރު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މޯލްޑިވިއަން އެއާލައިން މެދުވެރިކޮށް ކުރި ދަތުރުތަކަށް އެ ޕާޓީން ފައިސާ ނުދައްކާ މައްސަލަ މޯލްޑިވިއަން އިން ކޯޓަށް ހުށަހަޅައިފިއެވެ.

އެ ދަތުރުތަކުގެ ބިލަށް އެރި ޖުމްލަ 5,629,860 (ފަސް މިލިއަން ހަ ލައްކަ ނަވާވިސް ހާސް އަށްސަތޭކަ ފަސްދޮޅަސް) އެއް ރުފިޔާ ފައިސާ އޮތީ ނުދައްކެވެ. އެ ފައިސާ އަކީ އެ ޕާޓީން ނަގާފައިވާ ޓިކެޓުތަކާއި ޗާޓަރ ފްލައިޓުތަކަށް ނުދައްކާ ހުރި ފައިސާއެވެ.

ފައިސާ ނުދައްކާ އޮތީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 23 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް އެ ޕާޓީން ކުރި ދަތުރުތަކަށެވެ. އެއީ މި ނިމުނު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ތައްޔާރީތައް ވަމުން އައި ދުވަސްވަރުއެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބާއްވާފައި ވަނީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.

މި މައްސަލަ މޯލްޑިވިއަން އިން ކޯޓަށް ހުށަހަޅާފައިވާއިރު، އެ ކުންފުނިން މީގެ ކުރިން ވެސް އެކި ފަހަރު މަތިން އެކި ގޮތް ގޮތުން، އެ ފައިސާ ހޯދުމަށް މަސައްކަތް ކޮށްފައިވެއެވެ. އެންމެ ފަހުން މިދިޔަ ޖެނުއަރީ މަހު އެ ކުންފުނިން އެމްޑީޕީ އަށް ފޮނުވި ސިޓީގައި ބުނީ އެ ޕާޓީން މޯލްޑިވިއަން އާއި އެކު އެއްބަސްވުން ހަދާފައި އޮންނަނީ ދަތުރުކުރާތާ ދެ ހަފްތާ ތެރޭގައި ފައިސާ ދެއްކުމަށެވެ. އެކަމަކު މި ފައިސާ ނުދައްކާތާ މިހާރު 5 މަސް ވެފައިވާތީ އެ އެއާލައިނުން އެންގީ މި މަހުގެ 18 ވަނަ ދުވަހުގެ ކުރިން ފައިސާ ދެއްކުމަށެވެ. އަދި ނުދައްކައިފި ނަމަ ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމުގެ އިންޒާރުވެސް ދީފައިވެއެވެ.

އެ ސިޓީގައި ވާގޮތުން ސެޕްޓެމްބަރު މަހުގެ 23 އިން ފެށިގެން އޮކްޓޯބަރު 2 ގެ އާ ދެމެދު ކޮންމެ ދުވަހަކު ވެސް އެ ޕާޓީން ދަތުރުތައް ކޮށްފައިވެއެވެ.