English Edition
Dhivehi Edition

އައްޑޫ ޔޫތު ޗެލެންޖް ކަޕް 2020 ގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ،

އިއްޔެ މީދޫ ރަސްމީ ދަނޑުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އައްޑޫ ސިޓީ މީދޫ ދާއިރާގެ ކައުންސިލަރ ހިޔާޒް ހަސަންއެވެ. އިއްޔެ ކުޅުނު މި މުބާރާތުގެ ފޯރުގަދަ ފައިނަލްގައި ހިތަދޫ އެފްސީ އާއި މަރަދޫ އެފްސީ ބައްދަލުކުރި މެޗު ހިތަދޫ އެފްސީ އިން ކާމިޔާބުކުރީ 0-1ގެ ނަތީޖާއިންނެވެ.

މި މުބާރާތުގައި ކުޅުނު ހިރިހާ މެޗަކުންވެސް ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ދައްކާ، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހިތަދޫ އެފްސީގެ ހަޒިމް ފައުޒީއެވެ. ޖުމްލަ ހަ ގޯލާއެކު މުޅި މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް މަރަދޫ އެފްސީގެ ހުސައިން އައިކް ހޮވުނު އިރު މުބާރާތުގެ ފެއާރ ޕްލެޔާއަށްވެސް ހޮވުނީ އައިކްއެވެ. މުބާރާތުގެ ފެޔާރ ޕްލޭ ޓީމަކަށް ހިތަދޫ އެފްސީ ހޮވުނު އިރު މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ހިތަދޫ އެފްސީގެ ކޯޗު އަހްމަދު ހަބީބްއެވެ.

މީގެ އިތުރުން މުބާރާތުގެ ‘ޑްރީމް ޓިމް’ގެ ގޮތުގައި 11 ކުޅުންތެރިއަކު ވަނީ ހޮވާފައެވެ. މުޅި މުބާރާތުގައިވެސް އުއްމީދީ މޮޅު ކުޅުމެއް ކުޅެ މި ޓީމްގައި ހިމެނުނު ކުޅުންތެރިންނަކީ ހިތަދޫ އެފްސީގެ މުހައްމަދު ޒަޔާން، ހުސައިން ޒައިން ހަނީފް، ހަޒިމް ފައުޒީ، އިމާން ނަސީރު، މުހައްމަދު ސަބާހް މަސްރޫރް، މީދޫ ޔޫތުގެ ހުސައިން އިމްތިޔާޒް، އަބްދުﷲ ވިޝަލް، ހުސައިން ސަހާފް، ފާހި ސްޕޯޓްސް ކްލަބްގެ އަބްދުﷲ ޝީޔާއު ރަޝީގެ އިތުރުން މަރަދޫ އެފްސީގެ ހަސަން ލައުހް އާއި ހުސައިން އައިކްއެވެ.

ސެޕްޓެމްބަރު މަހުގެ 15ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހާ ހަމައަށް ކުރިއަށް ދިޔަ މި މުބާރާތުގައި އައްޑޫ ސިޓީގެ ޖުމްލަ 06 ޓީމްވަނީ ބައިވެރިވެފައިވާއިރު އަންނަ އަހަރުވެސް މި މުބާރާތް ބާއްވަނަ ނިންމާފައިވާކަމަށް މުބާރާތުގެ އިންތިޒާމު ކޮމިޓީއިންވަނީ ބުނެފައެވެ.