English Edition
Dhivehi Edition

އައްޑޫ ޔޫތު ޗެލެންޖް ކަޕް 2020 ގައި އިއްޔެ ކުޅުނު މެޗު ތަފާތު ބޮޑު ނަތީޖާއަކުން މީދޫ ޔޫތު ކާމިޔާބުކޮށްފިއެވެ

ގިނަ މައްސަލަތަކެއް އުފެދިގެން ދިޔަ މި މެޗުގެ ފުރިހަމަ ވަގުތު ހަމަނުވަނީސް ހުޅުދޫ ޔޫތު އިން މެޗުގެ ކުޅުން ހުއްޓާލާފައިވާއިރު، މީދޫ ޔޫތުއިން މި މެޗު ކާމިޔާބުކުރީ 0-7 ގެ ނަތީޖާއިންނެވެ.

މިނަތީޖާއާއި އެކީ އިއްޔެގެ މެޗް ނިންމާލިއިރު މުބާރާތް އިންތިޒާމް ކުރާކޮމިޓީ އިން ބުނެފައިވަނީ، ގަވައިދުގައިވާ ގޮތުގެ މަތިން ދިމާވާ ސަބަބަކާހުރެ މެޗް ހުއްޓާލަން ޖެހިއްޖެނަމަ ހުއްޓާލާ އިރު 2 ގޯލަށްވުރެ ގިނައިން މެޗްލިބުނު ޓީމު ގޯލް ޖަހާފައިވާނަމަ އެގޯލްގެ އަދަދަކީ އެޖަހާފައިވާ އަދަދުކަމަށް ކަނޑައެޅޭނެކަމަށެވެ. އަދި މެޗްހުއްޓާލަންޖެހުނީ އެއްޓީމުގެ ސަބަބުންނަމަ އިދިކޮޅުޓީމަށް މެޗްލިބުނީ ކަމަށެވެ.

މުޅި މެޗުގައިވެސް މީދޫ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު މީދޫ ޔޫތުގެ ފުރަތަމަ ލަނޑު މެޗުގެ އަށާވީސް ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އަބްދުﷲ ލިވާޒުއެވެ. މި މެޗުގައި ސަހާފް އާއި ރަޔަން، ކޮންމެ ކުޅުންތެރިއަކަށް ދެ ލަނޑު ޓީމަށް ކާމިޔާބުކޮށްދިންއިރު ހާޒިމް އާއި މާރިސް ވަނީ ކޮންމެ ކުޅުންތެރިއަކަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސަހާފްއެވެ.

މި މުބާރާތުގައި ހުޅުދޫ ޓީމުން ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެ 0 ޕޮއިންޓާއެކު މުބާރާތުން ކަޓާފައިވާއިރު މީދޫ ޓީމަށް ލިބިފައިވަނީ ޖުމްލަ 10 ޕޮއިންޓެވެ

މިއަދުވެސް މި މުބާރާތުގެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު މިއަދު ގެ މެޗުގައި ބައްދަލުކުރާނީ ހިތަދޫ އެފްސީ އާއި ހިތަދޫ އެފްސީ ޖޫނިއާސްއެވެ.