އައްޑޫ ސިޓީގެ ގެސްޓްހައުސްގެ ވިޔަފާރިތައް ހުޅުވާލުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއްކޮށް ނިމިފައިވާ ކަމަށާއި، ވިޔަފާރިވެރިން ތިބީ އެކަމަށް ތައްޔާރަށްކަމަށް އައްޑޫ ސިޓީ މޭޔަރ އަބްދުﷲ ސޯދިގު ވިދާޅުވެއްޖެ އެވެ.
“ރާއްޖެޓީވީގެ” ނިއު ނޯރމަލް ކަވަރޭޖަށް ދެއްވި އިންޓަވިއުއެއްގައި މޭޔަރު ވިދާޅުވީ މިމަހުގެ 15 ވަނަ ދުވަހު ގެސްޓުހައުސްތައް ހުޅުވާލުމާއެކު ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އައްޑޫ ސިޓީއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޚިދުމަތްތައް ދެމުންދާނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މިންގަނޑުތަކާ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކަމަށްވެސް ސޯބެ ވިދާޅުވިއެވެ.
މީގެ އިތުރުން ސޯބެ ވިދާޅުވީ ގެސްޓްހައުސްތަކުގެ ވިޔަފާރިތައް ހުޅުވިގެން ދިޔުމުން، ކޮވިޑް ކޭސްއެއް ނުފެންނާނެކަމަށް އުންމީދުކޮށްގެން ނުވާނެ ކަމަށާއި މި ހާލަތުގައި މަސައްކަތް ކުރަނީ ކޭސްއެއް ފެނިދާނެ ކަމަށް ބަލައިގެން ކަމަށެވެ. “ފަތުރުވެރިންނަކީ ދަތުރުކޮށްފައި އަންނަ ބަޔަކަށްވާއިރު ކޭސް އެއް ނުފެންނާނެ ކަމަށް ބަލައިގެން ނުވާނެ.” ސޯބެ ވިދާޅުވިއެވެ.
ގެސްޓުހައުސް ވިޔާފާރި ހުޅުވުމުން ކޮވިޑް ކޭސްއެއް ފެނިއްޖެ ހާލަތެއްގައިވެސް އަމަލުކުރާނެ ގޮތްތައް ކަނޑައަޅާ ތައްޔާރުވެފައިވާކަން ހާމަކުރައްވަމުން ސޯބެ ވިދާޅުވީ ކޮވިޑާ ގުޅިގެން އައުޓް ބްރޭކެއް އަޔަސް އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށެވެ. އިތުރަށް ސޯބެ ވިދާޅުވީ މިހާރު އައްޑޫގައި ހުރި ވާސީލަތްތަކަށް ބަލާއިރު ކުއްލިއަކަށް މާބޮޑަށް ކަންތައް ގޯސް ވެއްޖެނަމަ އޮބިނޯވެ ހިނގައިދާނެކަމަށެވެ. އެހެންކަމުން އެކަމުން ސަލާމަތްވުމަށްޓަކައި ހުރިހާ ރައްޔިތުންވެސް ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކޮށް ފަރުދީ ޒިންމާ އަދާކުރުމަށް ސޯބެ ވަނީ ގޮވާލާފައެވެ.