English Edition
Dhivehi Edition

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ނުލިބޭ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިފާއުވެވަޑައިގެންފި އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ކުރީގެ ބައެއް ރައީސުންނަށް ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ދީފައިވާކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެފައިވަނިކޮށެވެ.

އެކަމާ ގުޅޭ ގޮތުން ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްއެމްޕީއާރުސީގެ ފައިސާ އެ މަނިކުފާނަށް ލިބިފައިނުވާކަމަށެވެ، “އަޅުގަނޑު ތަކުރާރުކޮށް ދަންނަވަން، އެމްއެމްޕީއާރުސީގެ ފައިސާ އަޅުގަނޑަށް ލިބިފައި ނުވޭ،” ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު އިއްޔެ ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލީހުގައި އަދީބު ވިދާޅުވީ ހިޔާނާތުގެ އެ ފައިސާ ދައުލަތުގެ އެކި މުއައްސަސާތަކުގެ އޭރު ވެރިންނަށާއި، ޝަރުއީ ކޯޓުތަކުގެ ބައެއް ފަނޑިޔާރުންނަށާއި، މަޖިލީހުގެ ގިނަ މެންބަރުންތަކަކަށާއި، ކުރީގެ ބައެއް ރައީީސުންނަށާއި، ސިޔާސީ ޕާޓީތަކަށް ވެސް ބަހާފައިވާނެކަމަށެވެ.

އެމްއެމްޕީއާރުސީގެ މައްސަލައިގައި އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާއަށް އިއުތިރާފުވަމުން އޭނާ ވަނީ ޝަރީއަތުގެ މަޖިލީހުގައި ދިވެހި ރައްޔިތުންގެ ކިބައިން މައާފަށްވެސް އެދިފައެވެ،