English Edition
Dhivehi Edition

ހިޖުރީ އާއަހަރުގެ ތަހުނިޔާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދިވެހި ރައްޔިތުންނަށް ފޮނުއްވައިފިއެވެ.

ހިޖްރީ ސަނަތުން 1446 ވަނަ އަހަރު ފެށުމުގެ މުނާސަބާތުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިޖުރީ އާއަހަރު އަޅުގަނޑުމެންނާއި ބައްދަލުކުރަނީ ސޫދާން ބަރުމާ އަދި ފަލަސްތީނުގެ މުސްލިމުންނަށް ދެރަ އާއި ތަކުލީފް ތަޙައްމަލުކުރަންޖެހިފައިވާ ދަނޑިވަޅެއްގައި ކަމަށެވެ.

” ހިޖުރީ އާއަހަރު އަޅުގަނޑުމެންނާއި ބައްދަލުކުރަނީ ސޫދާން ބަރުމާ އަދި ފަލަސްތީނުގެ މުސްލިމުންނަށް ދެރަ އާއި ތަކުލީފް ތަޙައްމަލުކުރަންޖެހިފައިވާ ދަނޑިވަޅެއްގައި. އިސްލާމީ އުއްމަތަށް ނަޞްރާ ކާމިޔާބަށް އެދޭ ހާލު އެންމެ ބޭފުޅުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރަން،”

ހިޖުރީ އާއަހަރުގެ ތަހުނިޔާ ފޮނުއްވައި އެކްސްގައި ކުރެއްވި ޕޯސްޓްގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ،އަދި ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ހިޖުރީ އާއަހަރުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވާފައިވެއެވެ. ރައީސް މުޢިއްޒު ފޮނުއްވި ޚިތާބުގައި ވިދާޅުވީ، ހިޖްރީ ސަނަތުން 1446 ވަނަ އަހަރާ އަޅުގަނޑުމެން ބައްދަލުކުރާއިރު، މުޅި އިސްލާމީ އުންމަތަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ، ފަލަޞްޠީނުގެ މުސްލިމް އަޚުންނާއި އުޚްތުންނަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއި، ހަނގުރާމައިގެ ނާމާން ޙާލަތު ކަމަށެވެ.

އެހެންކަމުން “މިއީ އެއް އުންމަތެއްކަމުގައި” ކީރިތި ޤުރްއާނުގައި ދެއްވާފައިވާ މަތިވެރި އިރުޝާދު ނަގަހައްޓައި، މުސްލިމުންގެ މެދުގައި އޮތް އެހީތެރިކަމާއި، އެއްބާރުލުމާއި، ގުޅުންތައް ވަރުގަދަކުރަން ޖެހޭ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.