މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަތަކާ ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދައުވާނުކުރާގޮތަށް ހަދާފައިވާ އެއްބަސްވުންތައް ނިމުމަކަށް ގެންނަވައިފިއެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ހިމެނޭހެން ޖުމްލަ ހަތަރު މީހެއްގެ އިމިއުނިޓީ އެއްބަސްވުން ބާތިލްކޮށްފައިވާ ކަމަށެވެ .
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަށް އިއުތިރާފްވެ ކުށް ސާބިތުވި އަދީބާއި އެކަމުގައި އޭނާގެ ބައިވެރިންނަށް ލުއިދިނީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގަ އެވެ. އެ ތަހުގީގު، ހިންގީ އެސެޓް ރިކަވަރީ ކޮމިޝަންގެ ނަމުގައި ކޮމިޝަނެއް އެކުލަވާލައި ތަހުގީގީ އިދާރާތައް ގުޅިގެންނެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަތަކާ ގުޅިގެން އެކުލަވާލާފައިވާ އިމިޔުނިޓީ އަދި އެއްބާރުލުންދިނުމުގެ އެއްބަސްވުންތައް ނިމުމަކަށް ގެނައުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމަވާފައިވާ ކަމަށެވެ. އެއްބަސްވުންތައް ނިމުމަކަށް ގެނައި ފަރާތްތަކުގެތެރޭގައި ހިމެނެނީ ހ. ސާމަރާ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި، މ. ލޭންޑް އޮފް ގާރޑެން، އަޙްމަދު އިޝްފާޙް ޢަލީއާއި، މ. ސެސްނާ، މުޙައްމަދު ޢައްލާމް ލަޠީފްގެ އިތުރުން ގ. އޮއިވާލި، މުޙައްމަދު ޙުސައިންއެވެ.
މީގެ އިތުރުން، ހ. އާހަމަ، ޢަބްދުالله ޒިޔާތުއާއެކު ވެފައިވާ އެއްބަސްވުން 2022 އޮގަސްޓު މަހުގެ ތެރޭގައި ނިމުމަކަށް ގެނެސްފައިވާކަންވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ފާހަގަކުރައްވައެވެ.
މި އެއްބަސްވުންތައް ނިމުމަކަށް ގެނައުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމަވާފައިވަނީ މި އެއްބަސްވުންތައް އެކުލަވާލާފައިވަނީ އެމް.އެމް.ޕީ.އާރ.ސީގެ ޚިޔާނާތުގެ މައްސަލައިގެ ތަޙުޤީޤު ކުރިއަށްގެންދިއުމަށާއި، ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތަށް އެއްބާރުލުން ހޯދުމުގެ ބޭނުމުގައިކަމަށްވީނަމަވެސް، އެ މީހުންގެ ފަރާތުން މައްސަލައިގެ ތަޙުޤީޤަށާއި، ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް އެކަށީގެންވާ އެއްބާރުލުން ލިބެމުން ނުދާކަމަށް ތަޙުޤީޤީ އިދާރާތުން މަޢުލޫމާތުދީފައިވާތީކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.
މި އެއްބަސްވުންތައް ނިމުމަކަށް ގެނައުމާއެކު، މި އެއްބަސްވުންތަކުގެ ސަބަބުން ކުރިއަށް ނުގެންދެވި ހުރި، އެ މީހުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ތަޙުޤީޤު ކުރިއަށްގެންގޮސް ވީ އެންމެ އަވަހަކަށް ޕީޖީ އޮފީހަށް ހުށަހެޅުމަށް، ދިވެހި ފުލުހުންގެ ޚިދުމަތަށާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނަށް އަންގަފައިވާ ކަމަށް ވެސް ޕީޖީން ބުންޏެވެ.